އީޑީސީގައި މީދާ ގިނަވެގެން މީދާ މަރައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.


"ދިވެހި ސަރުކާރުގެ ގެޒެޓް"ގައި ޖަހާފައިވާ އިއުލާނެއްގައި ބުނަނީ  ޣާޒި ބިލްޑިންގުގެ ތިންވަނަ  ބުރީ، އީޑީސީ ހިންގާ ބައިގައި މީދާ ގިނަވެގެން އުނދަގޫވެފައިވާ ކަމަށެވެ. މި އިއުލާނުކޮށްފައި ވަނީ ހައުސިން މިނިސްޓްރީން މި މަހުގެ 19 ވަނަ ދުވަހު އެވެ.


އީޑިސީގައި މީދާ މަރައިދޭނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ  މިދާ މަރައިދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ބުރާސްފަތި ދުވަހު މައުލޫމާތު ދިނުން އޮންނާނެ ކަމަށާއި އެކަމަށް ބޭނުންވާ އަންދާސީ ހިސާބު މި މަހުގެ 26 ވަނަ ދުވަހު  ހުށަހަޅަން ޖެހޭނެ ކަމަށެވެ.


އީޑީސީގެ އިސްވެރިޔަކު މިއަދު ވިދާޅުވީ ގާޒީ ބިލްޑިންގުގެ އީޑީސީއަކީ "މީދާ ހާއްޔެއް" ކަމަށާއި އޮފީހުގެ މޭޒުތަކަށާއި ގޮނޑިތަކަށް މީދާ އަރައި މުޅި އޮފީސް އަބަދު ވެސް ހަޑިކޮށްފައި އޮންނަ ކަމަށެވެ. އަދި ވިދާޅުވީ  ހަފުތާ ބަންދަށް ފަހު އޮފީސް ހުޅުވޭ ދުވަހަކީ މީދަލާހެދި އޮފީހަށް ވަންނަން ދަތިވާ ދުވަހަކަށް ވެފައި އޮންނަތާ ދުވަސްކޮޅެއްވެފައިވާ ކަމަށެވެ.


"ފޮތްތައް ކަނީ ގޮނޑިތަކާއި މޭޒުތަކުގައި ވެސް ނަޖިސް ހުންނަނީ. މުޅި ތަނުގައި ރަސްކަން ކުރަނީ މީދާ،" އޭނާ ވިދާޅުވި އެވެ.


އޭނާ އަދި ވިދާޅުވީ ކުރިން ވެސް ކޮންމެވެސް ވަރަކަށް މީދާ އޮފީސްތެރޭގައި އުޅޭ ކަމަށާއި މީދަލުގެ އުނދަގޫ އިންތިހާއަށް ދިޔައީ ގާޒީ ބިލްޑިންގުގެ އޮފީސްތައް ވެލާނާގެ އަށް ބަދަލުކޮށް ބިލްޑިންގު ހުސްވާން ފެށުމުން ކަމަށެވެ.


ގާޒީ ބިލްޑިންގުގައި ހިނގަމުންދިޔަ އޮފީސްތަކުގެ ތެރެއިން މަދު އޮފީހެއް ނޫނީ ހުރިހާ އޮފީސްތަކެއް ވަނީ އެހެން ދިމަދިމާއަށް ބަދަލުވެފަ އެވެ.


"އެހެން ވީމާ މީހުން އުޅޭ ދިމަދިމާއަށް މުޅި ބިލްޑިންގުގައި އުޅޭ ހުރިހާ މީދަލެއް ޖަމާވީމާ އެ އުނދަގޫ މިޖެހުނީ އީޑީސީއަށް،" އޭނާ ވިދާޅުވި އެވެ.  "އޮފީހުގެ ވަރަށް ގިނަ އަންހެނުން މީދަލުގެ އުނދަގުލާ ހެދި ފަކުރު ގަނެގެން ހެނދުނުން ފެށިގެން ސައި ނުބޮއި ހުސް ބަނޑާތިބެ ހޮޑުވެސްލައިފި،"