20 Nov 2012, 13:26
ކުރީ ސަރުކާރުގައި ފުލުހުންގެ ކްރައިމް ކޮމާންޑްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހަންމަދު ޖިނާހު ހުންނެވި ރޭންކުން އޭނާ ޑީމޯޓް ކުރަން ފުލުހުންގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމައިފި އެވެ.
ޖިނާހުގެ މައްޗަށް އިދާރީ ފިޔަވަޅު އަޅަން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ވަނީ ފުލުސް އޮފީހަށް އަންގައިފަ އެވެ. ޖިނާހުއަށް ފިޔަވަޅު އަޅަން އެ ކޮމިޝަނުން ނިންމީ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ތަހުގީގުގައި ނުދައްކާ ވާހަކަތަކެއް ތަހުގީގުގައި ދެއްކި ކަމަށް ބުނެ ޖިނާހު މީޑިޔާ އަށް ވާހަކަތަކެއް ހާމަކޮށްފައިވާ ކަމަށް ބުނެ ޣައްސާން ހުށަހެޅުއްވި މައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.
ސަން އޮންލައިންއިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ފުލުހުންގެ ތަރުޖަމާން ހަސަން ހަނީފު މިއަދު ވިދާޅުވީ ޕީއައިސީގެ ނިންމުމާ އެއްގޮތަށް އެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީން ތަހުގީގުކޮށް ޖިނާހު މިހާރު ހުރި ރޭންކް ކަމަށްވާ "ޗީފް ސްޕްރިޓެންޑެންޓު"ގެ ރޭންކުން "ސްޕްރިޓެންޑެއް"ގެ ރޭންކަށް އޭނާގެ ރޭންކް ޑީމޯޓްކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ކޮމެޓީން އިއްޔެ ނިންމާފައިވާ ކަމަށެވެ. ޖިނާހުގެ ރޭންކް ޗީފް ސްޕްރިޓެންޑެންޓަށް ޕްރޮމޯޓް ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުގެ 20 ވަނަ ދުވަހު އެވެ.
"ޕީއައިސީން ނިންމާފައިވާ ގޮތަށް އެ މައްސަލައިގައި ޑިސިޕްލިނަރީ ކޮމެޓީން ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު އިއްޔެ ނިންމީ ޖިނާހުގެ ރޭންކް ކުރިން ހުރި ރޭންކަށް ބަދަލުކުރަން،" ހަނީފު ވިދާޅުވި އެވެ.
ފެބުރުއަރީ ހަތެއްގައި ވެރިކަން ބަދަލުވުމަށް ފަހުން ދިގު ޗުއްޓީއެއްގައި ހުންނެވި ޖިނާހު މިއަދު ވިދާޅުވީ އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އެ ނިންމުން ނިންމިކަން އޭނާ އަށް އަދި ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ. އަދި އޭނާއާ މެދު ފުލުހުން ފިޔަވަޅު އަޅަން ނިންމާފައިވާ އިރު އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިވުމަށް ސިޓީ ފޮނުވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވަކިވާން ސިޓީ ފޮނުވާފައި ވާނީ. އެކަމަކު އަޅުގަނޑުގެ ބަލަން ޖެހޭ މައްސަލަތައް ހުރީމައޭ ވިދާޅުވެ އަޅުގަނޑު އަދި ފުލުހުންގެ ވަޒީފާ އިން ވަތްކެއް ނުކުރޭ،" ޖިނާހު ވިދާޅުވި އެވެ.
ޖިނާހުއާ މެދު ފިޔަވަޅު އަޅަން ޕޮލިސް އިންޓްގްރިޓީން ނިންމި އިރު ސިއްރު ފުލުހުންގެ ކުރީގެ ވެރިޔާ މުހަންމަދު ހަމީދު (އެމްސީ) އާއި މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ އިބްރާހިމް އަދުނާން އަނީސް ވަނީ ޑިސިޕްލިނަރީ މައްސަލައިގައި ފުލުހުންގެ ވަޒީފާއިން ވަކިކޮށްފަ އެވެ.