20 Nov 2012, 13:23
ހއ. އިހަވަންދޫގައި ކޭބަލް ފޮށިތަކުގައި ރޯކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު، ކޭބަލް ފޮށިތަކުގައި ބަޔަކު ރޯކޮށްލި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އުމުރުން 19 އަހަރާއި 22 އަހަރާއި 25 އަހަރުގެ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އިހަވަންދޫ ކައުންސިލް އިދާރާގެ ރައީސް މުހައްމަދު ސަމީރު މިއަދު ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަން ފުލުހުންގެ ފަރާތުން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
ސަމީރު ވިދާޅުވީ އެ ރަށަށް ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ އަމިއްލަ ކުންފުންޏާ ދޭތެރޭ ރަށުގެ ބައެއް ރައްޔިތުންގެ ހިތްހަމަނުޖެހުން އޮންނަ ކަން އެނގޭ ކަމަށެވެ. އެގޮތުން ބައެއް ޗެނަލްތައް ދޫކޮށް ބައެއް ޗެނަލްތައް ދޫނުކުރާ މައްސަލައިގެ ޝަކުވާ އާންމުން ކުރާ ކަމަށް ސަމީރު ވިދާޅުވި އެވެ. އަދި ކޭބަލް މެދުވެރިކޮށް ދޫކުރާ ޗެނަލްތަކުގައި ސިޔާސީ ކުލަވަރު ވަރަށް ބޮޑަށް ޖެހިފައިވާ ކަމުގެ ޝަކުވާ ރައްޔިތުން ކުރާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
ނަމަވެސް ކޭބަލް ޓީވީ އެ ރަށުގައި އޮޕަރޭޓް ކުރައްވާ މުހައްމަދު އިބްރާހީމް އެކަން ދޮގުކުރައްވަ އެވެ.
ކައުންސިލަރު ވިދާޅުވީ މީގެ ކުރިން ގަވާއިދާ ޚިލާފަށް ދެމުން އައި ކޭބަލް ޓީވީގެ ޚިދުމަތް ދޫކުރާ ކުންފުންޏަށް ޚިދުމަތް ދިނުމުގެ ހުއްދަ ދީފައި ވަނީ މިދިޔަ މަހު ކަމަށެވެ.
އެކަން ވެސް އިބްރާހީމް ދޮގު ކުރައްވަ އެވެ. އަދި ވިދާޅުވީ ދުވަހަކު ވެސް ގަވާއިދާ ހިލާފަށް އެފަދަ ހިދުމަތެއް ނުދެއްވާ ކަމަށެވެ.