ޖަމާލުއްދީން ސްކޫލްގެ ހުޅަނގުން އޮންނަ ބިމުގެ އިރުމަތީ ފަރާތުން ޖަމާލުއްދީން ސްކޫލަށް ދޫކޮށްފައިވާ 9000 އަކަފޫޓު ބިމުގެ މައްސަލާގައި ގައުމީ ޔުނިވާސީޓީ އާއި ޖަމާލުއްދީން ސްކޫލް ކޮމެޓީ އަށް ހާޒިރު ކުރުމުން ދެ ފަރާތުން ވެސް ދޫދޭން ބޭނުން ނުވާ ކަމަށް ބުނެ ވާހަކަ ދައްކައިފި އެވެ.

ބާ ޖަމާލުއްދީން މައްސަލަ ބަލަމުންދާ، ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް މިއަދު ވަނީ ޖަމާލުއްދީން ސްކޫލްގެ އިސް ބޭޅުންނާއި ޔުނިވާސީޓީގެ އިސް ބޭފުޅުން ހާޒިރުކޮށްފަ އެވެ. އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވެސް ކޮމެޓީ އަށް ހާޒިރުކޮށްފައިވެ އެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރު ވިދާޅުވީ އޮފީސްތަކަށް ބިންދޫ ކުރުމުގެ މަސައްކަތަކީ ފިނޭންސުން ކުރަމުންދާ މަސައްކަތެއް ނޫން ކަމަށާއި އެކަން ކުރަމުންދަނީ ހައުސިން މިނިސްޓްރީން ކަމަށެވެ.

ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ބާ ޖަމާލުއްދީން މައްސަލާގައި ފިނޭންސް ހާޒިރު ކުރީ ކޮމެޓީގެ މެންބަރުން ހުށަހަޅުއްވައިގެން ކަމަށެވެ. މެންބަރުންނަށް ކުރިން ހީވެފައި އޮތީ ބިން ދޫކުރުމުގެ މަސައްކަތަކީ ފިނޭންސުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވީ ޖަމާލުއްދީން ސްކޫލްގެ ޖާގައިގެ ދަތިކަމާ ހުރެ، ބާ ޖަމާލުއްދީނުން 9000 އަކަފޫޓްގެ ބިމެއް ސިޓީ ކައުންސިލުން ދީފައިވާ ކަމަށެވެ. އަދި އެތަން ހުސްކުރުމަށް އެކަށީގެންވާ މުއްދަތެއް ވެސް ޔުނިވާސީޓީ އަށް ދީފައިވާ ކަމަށާއި ނަމަވެސް އެ ބޭފުޅުން އެތަން ހުސްކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

ޔުނީވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވީ ޖަމާލުއްދީން ސްކޫލަށް ދީފައިވާ ބިމުގައި ހުރި އިމާރާތުގައި ޝަރީއާ އެންޑް ލޯއާއި ސެންޓަ ފޯ އޯޕަން ލާނިން އަދި ރަޖިސްޓްރޭޝަންގެ ބައި ކުރިއަށްދާ ކަމަށެވެ. އަދި އެތަނުން ނުކުންނަން ޖެހިއްޖެ ނަމަ، ޔުނިވާސީޓީގެ ބޮޑުބައެއް ހުއްޓުމަކަށް އަންނާނެ ކަމަށް ޑރ. ހަސަން ހަމީދު ވިދާޅުވި އެވެ.

ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ އެ ސްކޫލްގެ ކުލާސް ރޫމެއްގައި އެންމެ ކިނަވެގެން ތިބޭނީ 34 ދަރިވަރުން ކަމަށާއި އެއީ މާލޭގެ ސްކޫލްތަކުގެ ތެރެއިން ކްލާހެއްގައި އެންމެ ގިނައިން ދަރިވަރުން ތިބޭ އަދަދު ކަމަށެވެ. އަދި މިހާރު ސްކޫލްގައި ޕްރައިމަރީ ތައުލީން ހާސިލު ކުރަމުންދާ 1800 ދަރިވަރުނަށް ދެމުންދާ ހިދުމަތް ފުޅާ ކުރަންޖެހޭ އިރު، ސްކޫލްގައި ޖާގައެއް ނެތް ކަމަށެވެ.

ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވީ ބާޖަމާލުއްދީން އިމާރާތަކީ ރައްކާތެރި އިމާރާތެއް ނޫން ކަމަށާއި އެއީ މިހާރުން މިހާރަށް ތަޅާލަން ޖެހޭ އިމާރާތެއް ކަމަށެވެ. އިމާރާތުގެ ބަލިކަށިކަން ދައްކުވައިދޭ ފޮޓޯތަކާއެކު ޖަމާލުއްދީން ސްކޫލުން ވަނީ ކޮމެޓީ އަށް ޑޮކިއުމަންޓުތަކެއް ވެސް ހުށަހަޅާފަ އެވެ.

މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ދެފަރާރުން ވެސް ދޫދޭން ވާހަކަ ދައްކާފައެއް ނުވެ އެވެ. އަދި އެ ދެބައި މީހުންނަށް ހައްލު ހޯދައިދިނުމަށް ތިބި ހައުންސިން މިނިސްޓްރީގެ ބޭފުޅުންނަކަށް ކޮމެޓީ އަކަށް ދައުވަތެއް ނުދެއްވަ އެވެ. ކޮމެޓީ ނިންމާލީ ދެން އެ މައްސަލާގައި އަމަލު ކުރާނެ ވަކިގޮތެއް ވިދާޅެއް އިއުލާނު ނުކޮށެވެ.