ރައްޔިތުން މަޖިލީހަށް ބަޖެޓް ހުށަހަޅަން ޖެހޭ ދުވަސް މި މަހުގެ 27ވާ އަންގާރަ ދުވަހަށް ފަސްކޮށްފި އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ އެ ތާރީހު ފަސްކުރަން ޖެހުނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް 26 ނޮވެމްބަރުގައި ހުށަހަޅަން ފިނޭންސަށް އަންގައި ސިޓީއަކުން ދެންނެވުމުން ބަޖެޓް އެކުލަވާލުމުގައި އަދިވެސް ކުރަން ޖެހޭ ބޮޑަތި މަސައްކަތްތަކެއް ހުރުމުން އަންނަ ހޯމަ ދުވަހަށް ބަޖެޓް އެކުލަވާލައި މުޅިން ނިންމާ ނުލެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ސިޓީއަކުން އަންގާފައިވާތީ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ބަޖެޓް މަޖިލީހަށް ހުށަހަޅާ ދުވަހުން ފެށިގެން ބަހުސް ފެށުމާއި ދެމެދު ހަތް ދުވަހުގެ މުއްދަތެއް މަޖިލީހުގެ މެންބަރުންނަށް ދޭންޖެހެ އެވެ. އެހެންކަމުން އެ ހަތް ދުވަސް ހަމަވެ މަޖިލީހުގައި ބަޖެޓާ ގުޅޭ ބަހުސް ފަށާނީ ޑިސެމްބަރު ހަތަރުވަނަ ދުވަހު އެވެ.

މި މަހުގެ 27 ވަނަ ދުވަހު ބާއްވާ ޖަލްސާ އަށް ފިނޭންސް މިނިސްޓަރު ހާޒިރުވެ ވަޑައިގަތް މަޖިލީހުގެ ތަޅުމަށް ބަޖެޓްގެ ހުލާސާ ބަޔާނެއްދެއްވާނެ އެވެ. އެ ބަޔާނުގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު ބަޔާން ކުރާނެ އެވެ.

ބަޖެޓްގެ ކުރިން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާ އެކު މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިހާރު ވަނީ ބައްދަލުކުރަން ނިންމައިފަ އެވެ.

މަޖިލީހުގެ ބަޖެޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެފައި ވަނީ މި އަހަރުގެ ބަޖެޓަށް ވުރެ އަންނަ އަހަރުގެ ބަޖެޓް ބޮޑުނުކުރެވޭނެ ކަމަށާއި މި އަހަރަށް ވުރެ އަންނަ އަހަރު ދައުލަތުގެ އާމްދަނީ ވެސް ވަކި އިތުރުވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. އަދި ބަޖެޓާ އެކު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ހުށަހަޅާފައިވާ އިސްލާހުތައް މަޖިލީހަށް ފޮނުވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެ އިސްލާހުތަކުގެ ތެރޭގައި ރިސޯޓްތަކަށް މާރުކުރެވޭ ޑޮލަރުގެ އަދަދު ހަނިކުރުމާއި އިމްޕޯޓް ޑިއުޓީ އިއާދަކުރުން އަދި ޓޫރިޒަމް ޓެކްސްތައް ބޮޑުކުރުން ހިމެނެ އެވެ.