ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާއާއި ދެކޮޅަށް ސްޕާޓަކް މޮސްކޯ ނުކުންނައިރު، ބާސާގައި ހިމެނޭ ކުޅުންތެރިންނަކީ ދުނިޔޭގައި ހިމެނޭ އެންމެ މޮޅު ކުޅުންތެރިންކަމަށް މޮސްކޯގެ މިޑްފީލްޑަރު ހޯސޭ މަނުއެލް ޖުރާޑޯ ބުނެފި އެވެ.

ރަޝިޔާގެ ކާމިޔާބީ ކްލަބެއްކަމަށްވާ މޮސްކޯއިން ކުޅުނު ފުރަތަމަ މެޗުގައި ބާސާ އަތުން ބަލިވީ 3-2 ލަނޑުންނެވެ. މިރޭ އަމިއްލަ ދަނޑުގައި މޮސްކޯއިން ނުކުންނާނީ ބާސާ ބަލިކުރަން ކަމަށް ޖުރާޑޯ ބުނެފައި ވެއެވެ.

"ބާސާގެ ކޯޗުކަމާއި ޓިޓޯ ވިލަނޯވާ ހަވާލުވި ފަހުން އެކުލަބަށް ގިނަ ބަދަލުތަކެއް ވަނީ އައިސްފައި. އެކުލަބުގައި އަދިވެސް އެތިބީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން. އެހެންކަމުން ބާސާ ބަލިކުރަން ވަރަށް އުނދަގޫވާނެ. އަހަރެމެން ބާސާ ބަލުކުރަން މަސައްކަތް ކުރާނަން. ބާސާއަކީ ދުނިޔޭގެ އެންމެ މޮޅެތި ކްލަބުތަކުގެ ތެރޭގައި ހިމެނޭ ކްލަބެއް. އަދި އެކުލަބުގެ ކުޅުންވެސް ވަރަށް މޮޅު. އަހަރެމެން ޓީމްގައި ވެސް މޮޅެތި ކުޅުންތެރިންތަކެއް އެބަތިބި." ޖުރާޑޯ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި މިހާތަނަށް ބާސާ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ސްކޮޓްލެންޑްގެ ސެލްޓިކް އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. މޮސްކޯއަށް ބަލައިލާއިރު، ތިން ޕޮއިންޓާއެކު އެޓީމް އޮތީ ގްރޫޕް ޖީގެ އެންމެ ފުލުގައެވެ. މޮސްކޯއާއި މޮސްކޯ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ 12:45 ގައެވެ.