ބަނގުރާ ބޮއި މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި ހދ. ހޮނޑައިދޫން ހައްޔަރުކުރި މީހުންގެ ތެރެއިން އެއްބަޔަކު ދޫކޮށްލަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި ޕީޖީން އިސްތިއުނާފް ކޮށްފި އެވެ.

ޕީޖީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރީ ރޭގައި ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުން ބަލައިގަތް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

އަބުދުﷲ ޖާބިރުގެ ޔޮޓް ޓުއާސްއަށް ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ހޮނޑައިދޫގައި ބަނގުރާ ބޮއި މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހައްޔަރުކުރި 10 މީހުންގެ ތެރޭ ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މއ. މަނާގެ މުހައްމަދު ޒުހެއިރު އާއި އޭނާގެ އަބިކަނބަލުން މއ. މަނާގެ މަރިޔަމް ފާއިޒް ގެ އިތުރުން ސްރީލަންކާގެ ދެ ރައްޔިތުންކަމަށްވާ ރާޖު މޯހަން އާއި އަނޫރު ބަންޑާރަނައިކް އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ސުހައިލް ރަނާ ބަންދުގައި ބަހައްޓާނެ ތަނެއްނެތްކަމަށް ބުނެ ކުޅުދުއްފުށީ ކޯޓުން ވަނީ އެމީހުން ދޫކޮށްލުމަށް އަމުރު ކޮށްފަ އެވެ.

އަދި ފަސް ދުވަހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ސ. ހުޅުދޫ ރީފްސައިޑް ޖާދުﷲ ޖަމީލާއި ގ. ހިލިހިލާގެ ހަމްދާން ޒަކީގެ އެވެ.

އެ މައްސަލަ ޕީޖީން ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، ހޮނޑައިދޫން ހައްޔަރު ކުރި އެންމެންގެ ކުޑަކަމުދާ ތަކެތި ދިނުމަށް ފުލުހުންގެ އޮފިސަރަކު އެދުމުން އެ މީހުންގެ ތެރެއިން ހަމްދާން ޒަކީ އާއި ސްރީލަންކާގެ ދެ މީހުންނާއި ބަންގްލަދޭޝް މީހަކު ފިޔަވައި އެހެން އެންމެން ކުޑަކަމުދާ އެއްޗިހި ދީފައި ނުވާ މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނެފައިވަނީ އެ އެންމެން ވެސް ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން ކަމަށެވެ.