20 Nov 2012, 11:11
ނިޔުޔޯކް (ނޮވެމްބަރ 20) : ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ޢުދުވާނާއި އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ކުށްވެރިކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސްއަޅާކަމުގެ ތުހުމަތު އެމެރިކާއާއި ޔޫރަޕްގެ ބޮޑު ދެބާރުގެ މައްޗަށް ރަޝިޔާއިން ކޮށްފި އެވެ.
އދ.ގައި ހުންނަވާ ރަޝިޔާގެ މަންދޫބު ވިޓާލީ ޗޯރުކިން ވިދާޅުވީ ޣައްޒާއާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ޢުދުވާނާއި އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރުމަށް އެމެރިކާ ފާޅުގައި ދެކޮޅު ހަދަމުންގެންދާ ކަމަށާ އެމަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ޔޫރަޕްގެ ބޮޑު ދެބާރުން ވެސް ފާޅުނޫން ގޮތެއްގައި މިކަމަށް ހުރަސްއަޅަމުންގެންދާ ކަމުގަ އެވެ. ޗޯރުކިން ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް މިސްރު، ތުރުކީ، ޤަތަރު އަދި ތޫނިސް ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށާ މިމަސައްކަތުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވެސް ބައިވެރިވެވަޑައިގަންނަވާ ކަމުގަ އެވެ.
ސަލާމަތީ މަޖިލީހުން ފާސްކުރަން މަސައްކަތްކުރާ ޤަރާރުގައި އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާނާއި އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ކުށްވެރިކުރުމުގެ އިތުރުން އެހަމަލާތައް ހުއްޓުވުމަށް މިސްރާއި ސަރަޙައްދުގެ އެހެން ޤައުމުތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ތާއީދުކުރުން ވެސް ހިމެނޭކަމަށާއި އެހެންކަމުން މިޤަރާރުގެ ދެލިކޮޕީއަށް އެމެރިކާ ދެކޮޅު ހެދުމަކީ ވެރަށް ދެރަކަމެއް ކަމަށް ރަޝިޔާގެ މަންދޫބު ވިދާޅުވި އެވެ. އަނެއްކޮޅުން އިސްރާއީލުން ޣައްޒާ އަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކުން ޙާސިލްކުރަން ބޭނުންވާ މަޤްސަދް އިސްރާއީލަށް ޙާސިލް ނުކުރެވޭކަމަށް ޙަމާސް ޖަމާއަތުން ބުނެ އެވެ.
ޙަމާސްގެ ސިޔާސީ އޮފީހުގެ ވެރިޔާ ޚާލިދް މިޝްޢަލް ވިދާޅުވީ ޙަމަލާތައް ހުއްޓާލުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ގެންދަވަނީ ޝަރުތުތަކެއް ހުށަހަޅުއްވަމުން ކަމަށާއި އެ ޝަރުތުތަކަކީ ފަލަސްތީނުގެ ބިންތައް މިނިވަންކުރުމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ހިންގާ ޖިހާދުގެ ޙަރަކާތްތައް ދާއިމީ ގޮތަކަށް ހުއްޓާލުން ކަމަށާއި ނަމަވެސް މިކަން ޙަމާސް އިންވެސް އަދި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުންވެސް ޤަބޫލުނުކުރާނެ ކަމުގަ އެވެ. ނަމަވެސް މީގެ މާނައަކީ ހަނގުރާމައިގެ އުސޫލުތަކުގެ މަތިން ވަގުތީ ގޮތުން ޙަމަލާތައް ހުއްޓާލުމަށް ޙަމާސް އާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން ދެކޮޅު ހެދުން ނޫންކަމަށް މިޝްޢަލް ވިދާޅުވި އެވެ.
ޣައްޒާ އަށް އިސްރާއީލުން ދޭ ޙަމަލާތަކުގައި އިއްޔެވެސް 25 މީހަކުވަނީ ޝަހީދުކޮށްލާފަ އެވެ. ޣައްޒާއަށް އިސްރާއީލުން ދޭ ޙަމަލާތަކުގައި މިހާތަނަށް އިސްރާއީލުން 103 މީހަކު ޝަހީދުކޮށްލާފައިވާއިރު މީގެތެރެއިން 25 ޕަސެންޓަކީ ކުޑަކުދިން ކަމަށް ޚަބަރު ލިބެއެވެ. (އަލްޖަޒީރާ)