20 Nov 2012, 11:06
ޤާހިރާ (ނޮވެމްބަރ 20): އިސްރާއީލުން ޣައްޒާ އަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް މިސްރު، ތުރުކީ، ޤަތަރު އަދި ތޫނިސް ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ޚަބަރު ލިބިއްޖެވެ. މިޤައުމުތަކުން ކުރާ މިމަސައްކަތުގައި އިސްކޮށް އުޅެނީ މިސްރުންނެވެ. މިމަސައްކަތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ޓަކައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވެސް މިހާރު އުޅުއްވަނީ ޤާހިރާގަ އެވެ.
މިސްރުގެ ޚަބަރު ފަތުރާވަސީލަތްތައް ބުނާ ގޮތުން އިސްރާއީލުގެ ޙަމަލާތައް ފަލަސްތީނުގެ ޢާންމުންގެ ގެދޮރަށް އަމާޒުކޮށް އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ޑަޒަން ޑަޒަނަށް މަރަމުންދާތީ އިސްރާއީލުގެ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް މިސްރު އިސްކޮށްއޮވެގެން ތުރުކީ، ޤަތަރު، ތޫނިސް އަދި ޢަރަބި ލީގުން ކުރަމުންގެންދާ މަސައްކަތްތަކަށް އެމެރިކާގެ ތާއީދު ލިބޭނެކަން އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިސްރުގެ ރައީސް މުޙައްމަދު މުރްސީއަށް ފޯނުގެ ޒަރީޢާއިންވަނީ އަންގަވާފަ އެވެ. އެމެރިކާގެ ރައީސް ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިޔަންމާއަށް ވަޑައިގެން ދެއްވި ބަޔާނެއްގައި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް ހުއްޓާލުމަށް ޢަރަބި އަދި އިސްލާމީ ޤައުމުތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތާއީދުކުރައްވައި ފުރަތަމަ ފަހަރަށް ވަނީ ވާހަކަ ދައްކަވާފަ އެވެ.
އަނެއްކޮޅުން އިސްރާއީލުގެ އަނިޔާވެރި ޢުދުވާނަކީ އިސްރާއީލުން އަމިއްލަ ނަފްސުގެ ދިފާޢުގައި ދެމުންގެންދާ ޙަމަލާތަކެއް ކަމަށް ސިފަކޮށް އެޙަމަލާތައް ދިފާޢު ކުރަމުންގެންދިޔަ ޔޫރަޕްގެ ބޮޑެތި ބާރުތައް ވެސް ޙަމަލާތައް ހުއްޓާލުމަށް ތާއީދުކުރާކަން މިހާރު ގެންދަނީ ހާމަކުރަމުންނެވެ. މިގޮތުން ޙަމަލާތައް ހުއްޓާލުމާބެހޭގޮތުން އިސްރާއީލު ހުށަހަޅާ ޝަރުތަކާބެހޭ ގޮތުން ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް އާ މަޝްވަރާކުރެއްވުމަށް ޓަކައި ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރެންޓް ފެބިއޮސް އިއްޔެވަނީ ފަލަސްތީނުގެ ރާމަﷲ އަށް ވަޑައިގެން ޢައްބާސް އާ މޝްވަރާކުރައްވާފަ އެވެ. އަދި އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގްވެސްވަނީ ޣައްޒާ އަށް އިސްރާއީލު ދެމުންގެންދާ ޙަމަލާތަކުގެ ސަބަބުން އިސްރާއީލު އިތުރަށް އެކަހެރިވެގެންދާނެ ކަމަށްވިދާޅުވެ ޙަމަލާތައް ހުއްޓާލުމާބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލުން ގެންދަނީ ޙަމަލާތައް ހުއްޓާލުމަށް މިސްރު މެދުވެރިކޮށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާޢަތަށް ޝަރުތުތަކެއް ހުށަހަޅަމުންނެވެ. މީގައި ހިމެނެނީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް އެޖަމާއަތުންކުރާ ޖިހާދުގެ ޙަރަކާތްތައް ދިގުމުއްދަތަކަށް ހުއްޓާލުމެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ދެކޮޅުހަދާހާ ހިނދަކު މިޝަރުތު ޤަބޫލުކުރުމަށް ޙަމާސް އިން ދެކޮޅު ހަދާކަމަށާ ނަމަވެސް ޙަމާސްއިން އިސްރާއީލަށް މިހާރު ދެމުންގެންދާ ރޮކެޓް ޙަމަލާތައް ހުއްޓާލުމަށް ޙަމާސް އިން އެއްބަސްވާ ކަމަށް މިސްރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ. ހަމާސްގެ ސިޔާސީ ވެރިޔާ ޚާލިދް މިޝްޢަލް އިއްޔެ ވަނީ މިސްރުގެ ރައީސް މުޙައްމަދު މުރްސީއާ ބައްދަލުކުރައްވާފަ އެވެ.
އަނެއްކޮޅުން އިސްރާއީލުގެ މަސްއޫލުވެރިއަކު ވެސް އިއްޔެ ޤާހިރާ އަށް ވަޑައިގެން މިސްރުގެ ޚާރިޖިއްޔާގެ މަސްއޫލުވެރިއަކާ ބައްދަލުކުރައްވާފައިވާ ކަމަށާ އިސްރާއީލުގެ މަސްއޫލުވެރިޔާ މިސްރަށް ވަޑައިގެންނެވީ ޙަމަލާތައް ހުއްޓުވުމަށް މިސްރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ޚަބަރު ލިބެ އެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި އިއްޔެވެސް 25 މީހަކު ޝަހީދުކޮށްލާފައިވާއިރު މީގެތެރެއިން 12 މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އިސްރާއީލުން ޢުދުވާން ފެށިފަހުން މިހާތަނަށް ފަލަސްތީނުގެ 103 މީހަކު ޝަހީދުކޮށްލައި ހާހެއްހާ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ޣައްޒާގެ ސަރުކާރުގެ މަސްއޫލުވެރިން ހާމަކުރައްވައެވެ. (ނޫސްއެޖެންސީތައް)