20 Nov 2012, 10:12
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމްތަކުގައި އިނގިލީގެ ނިޝާން ޖަހަން ނުޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުން އެ ކޮމިޝަނަށް ހުށަހަޅާ ފޯމްތަކުގައި މެމްބަރުންގެ އިނގިލީގެ ނިޝާން ޖަހަން ނުޖެހޭ ގޮތަށް އެ ކޮމިޝަނުން ނިންމީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެކަން ކުރަން ނުފެންނަ ކަމަށް ނިންމައި އެ ކޮމިޝަނަށް އަންގާފައިވާތީ ކަމަށެެވެ.
އެ ކޮމިޝަނުން ބުނީ މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ފޯމްތައް ސައްހަ ކުރުމުގައި އިނގިލީގެ ނިޝާނަށް ނުބަލާނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމާފައި ވަނީ ސިޔާސީ ޕާޓީތަކުން ފޮނުވާ ފޯމުތަކުގައި އިނގިލީގެ ނިޝާން ނުޖަހާ ގޮތަށް. މިހާރު ވާނީ ސިޔާސީ ޕާޓީތަކަށް ސިޓީ އަކުން އެކަން އަންގާފައި،" އެ ބަޔާނުގައިވެ އެވެ.
މި އަހަރުގެ ފަހު ތިން މަސް ދުވަހަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ މެމްބަރުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ބަލައިގަތުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ 10ވާ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އަދި އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅާ ފައިސާ ދޫކުރާނީ އެ ތާރީޚާ ހަމަ އަށް ފޮނުވާ ލިސްޓްތަކަށް ބަލައގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސިޔާސީ ޕާޓީގެ މެމްބަޝިޕް ފޯމުގައި އިނގިލީގެ ނިޝާން ޖަހަން ފެށުމުން ސިޔާސީ ޕާޓީތަކުގެ ރަޖިސްޓްރީގެ ހުރި މައްސަލަތައް ހައްލުވީ ކަމަށާއި ނަމަވެސް އިނގިލީގެ ނިޝާން ބޭނުން ނުކުރާ ނަމަ އެ މައްސަލަތައް އަލުން ފެންމަތިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.