20 Sep 2010, 06:13
އިއްޔެ އިން ފެށިގެން އައްޑު އަތޮޅަށް ކުރަމުންދާ ބޯވިއްސާރައިގައި އެ އަތޮޅު ތިން ރަށެއްގައި ފެންބޮޑުވެ، ބައެއް ގޭގެ އަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އައްޑު އަތޮޅުގެ ކައުންސިލަރު އަބްދުﷲ ސޯދިގު މިއަދު ވިދާޅުވީ، ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ އެ އަތޮޅު ފޭދު އަށާއި މަރަދޫ ފޭދޫގެ އިތުރުން މަރަދޫ އަށް ކަމަށެވެ. އެގޮތުން އެ ތިން ރަށުގައި ވެސް ވަރަށް ބޮޑަށް ފެންގަނޑު ހެދި، ގިނަ ގެތަކަކަށް ފެންގަނޑު ވަދެފައިވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ. އަދި ބައެއް ސްކޫލުތަކުގެ ގޯތި ތެރެއަށް ފެންގަނޑު ވަދެވައިވާ ކަމަށާއި އެކަމުގެ ސަބަބުން ސްކޫލްތަކުގެ ކިޔެވުމަށް ވެސް ހުރަސްއެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލަރު އިތުރަށް ވިދާޅުވީ، ވައިގަދަވުމުގެ ސަބަބުން މަރަދޫގައި އިއްޔެ ގެއެއްގެ މައްޗަށް ގަހެއް ވެއްޓި ފާރު ތަޅައިގެންގޮސްފައިވާ ކަމަށެވެ. އަދި ފޭދޫ ގެއެއްގެ މައްޗަށް ވެސް ގަހެއް ވެއްޓި އެ ގޭގެ ޓިނުގަނޑު ފޫއަޅައިގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެއިން ހާދިސާއެއްގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
ފޭދޫ ކަތީބު އަހުމަދު ރަޝީދު ވިދާޅުވި ގޮތުގައި، ވިއްސާރާގައި ގިނަ ގެތަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އެގޮތުން މިހާތަނަށް 22 ގެއެއްގެ ތެރެއަށް ފެންގަނޑު ވަނުމުގެ ސަބަބުން ގޭގައި ގެންގުޅޭ ތަކެއްޗާއި ކާބޯތަކެއްޗާއި ފަރުނީޗަރު ފަދަ ތަކެތި ހަލާކު ވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ކަތީބު ވިދާޅުވި އެވެ. ފޭދޫ ކަތީބު ވިދާޅުވީ، މިހާރު ރަށް ރަށުގެ އިސްވެރިން ދަނީ ގެތަކަށް ލިބުނު ގެއްލުންތައް ބައްލަވަމުން ކަމަށާއި އަދި އެމްއެންޑީއެފުން ފެންގަނޑުތައް ހިއްކުމުގައި އެހީތެރިވަމުންދާ ކަމަށެވެ.