ރ. އުނގޫފާރު ކައުންސިލަރު އުނގޫފާރު، ޒެފިރު، މުހައްމަދު ނަސީމް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

އޭސީސީ އިން ބުނީ އުނގޫފާރުގެ ބަނދަރުމަތީގައި ހުންނަ ސްޓޭޖްގެ އުތުރުފަރާތުގެ މަގުމަތީ ފާރު ރާނައިދޭނެ ފަރާތެެއް ހޯދުމަށް އެ ރަށު ކައުންސިލުން ކޮށްފައިވާ އިޢުލާނަކާ ގުޅިގެން ބީލަން ހުށަހެޅި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ސޮއިކޮށްފައިވާ ޝީޓުގައި، އެ މަސައްކަތް ހަވާލު ކުރި ފަރާތުން ހުށަހެޅި ބީލަމުގެ މުއްދަތުގައި ސުމެެއް ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެ ޝީޓުގައި އެފަރާތުން ވެސް ސޮއިކޮށްފައި ވާތީ މަސައްކަތުގެ މުއްދަތެެއް އެވަގުތު ހުށަހެޅުމަށް ބިޑް ހުށަހެޅުމަށް ގޮސް ތިބި އެހެން ފަރާތްތަކުން އެ ފަރާތަށް ފުރުސަތު ދިން ނަމަވެސް އެފަރާތުން މަސައްކަތުގެ މުއްދަތު ހުށަހަޅައިފައި ވަނީ ބީލަން ހުށަހެޅި ދުވަހުގެ ފަހުގެ ތާރީހެެއްގައި ކަމަށް އެފަރާތުން އިއުތިރާފްވެފައިވާ ކަމަށެވެ.

އޭސީސީ އިން ބުނީ އެ މަސައްކަތް ހަވާލުކުރި ފަރާތުން ހުށަހަޅާ ބިޑްތައް އާއްމުކޮށް ހުށަހަޅަނީ ވަކިން ސިޓީއަކުން ކަމަށް އެ ފަރާތުން ބުނި ނަމަވެސް އެ ރަށު ކައުންސިލަށް އެ ފަރާތުން ކުރިން ހުށަހަޅައިފައިވާ ބިޑްތަކުގެ މުއްދަތު ހުށަހަޅަފައި ވަނީ ވަކިން ނޫންކަން އެކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ބިޑް ކަމިޔާބު ކުރި ފަރާތުން މަސައްކަތުގެ މުއްދަތު ބަޔާންކޮށް ހުށަހެޅި ސިޓީއާ ކައުންސިލުން ހަވާލުވީ އެކައުންސިލް އިދާރާ ފަރާތުން އެ މަސައްކަތާއި އޭރު ހަވާލުވެ ހުންނެވި ކައުންސިލަރު މުހައްމަދު ނަސީމް ކަމަށްވާ އިރު ބިޑް ހުށަހެޅި އިރު މުއްދަތު ޖަހާފައިނުވާ ބިޑެއްގެ މުއްދަތު ބަޔާންކޮށް ފަހުން ސިޓީއެއް ބަލައިގަނެ އިވެލުއޭޝަނަށް ފޮނުވާފައިވާ ކަމަށާއި އެ ސިޓީގައިވާ މުއްދަތަށް ބިނާކޮށް އިވެލުއޭޝަންގައި މާކްސްދީ އެފަރާތަށް ބިޑް ކާމިޔާބު ވެފައިވާ ކަމަށް އޭސީސީން ބުންޏެވެ. ނަމަވެސް އިވެލުއޭޝަނަށް ދިޔަ އެހެން ބިޑްތަކުގައި މަސައްކަތުގެ މުއްދަތު އޮތް ކަމަށް އިވެލުއޭޓް ކުރި ފަރާތްތަކުން ބުނެފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެކަމަކީ އުނގޫފާރު ކައުންސިލަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއް ކަމުގައިވާތީ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ގާނޫނުގެ ދަށުން ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.