20 Nov 2012, 09:14
ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީ ޗެމްޕިއަން ޔުވެންޓަސް އާއި ދެކޮޅަށް މިރޭ ނުކުންނައިރު، ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ޓީމުން ފެނާންޑޯ ޓޮރޭސް ބާކީކުރުމުގެ ހިޔާލެއް ގެންގުޅޭކަމަށް އެކުލަބުގެ ކޯޗް ރޮބާޓޯ ޑިމަޓެއޯ ބުނެފި އެވެ.
ލިވަޕޫލްއަށް ކުޅުމަށްފަހު، ފަންސާސް މިލިއަން ޕައުންޑަށް ޗެލްސީއާއި ގުޅުމަށް ފަހު ޓޮރޭސްގެ ފަރާތުން ގިނަ ލަނޑުތަކެއް ފެނިފައެއް ނުވެއެވެ. ސްޕެއިން ގައުމީ ޓީމަށް ވެސް ކުޅެމުންދާ ފޯވާޑް ޓޮރޭސްއަށް ނިމިގެންދިޔަ ހަ ހަފްތާ ތެރޭގައި ކާމިޔާބުކުރެވިފައި ވަނީ އެންމެ ގޯލެކެވެ. ޕްރެމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ވެސްޓް ބްރޮމްއާއި ދެކޮޅަށް ކުޅެ 2-1 ލަނޑުން ޗެލްސީ ބަލިވި މެޗުގައި ޓޮރޭސް ފެނިފައެއް ނުވެއެވެ.
"މުޅި ޓީމްގެ ހާލަތު އަހަރެމެން ބަލާނަން. ހުރިހާ ކުޅުންތެރިންގެ ފެންވަރު ރަނގަޅަށް ބަލާނަން. ޓީމަށް ފައިދާވާނީ ޓޮރޭސް ނެތިތޯ ބެލުމަށްފަހު، އެގޮތަކީ ރަނގަޅު ގޮތްކަމަށް އަހަރެންނަށް ގަބޫލުކުރެވިިއްޖެޔާ އޭނާ ބާކީކުރާނަން. އެންމެ ފަހުން ކުޅުނު މެޗުގައި ޓޮރޭސްގެ މަގާމަށް ކުޅުނު ޑެނިއެލް ސްޓަރިޖް ރަނގަޅު ކުޅުމެއް ދެއްކި. އޭނާއަށް ވަރަށް ރަނގަޅު ފުރުސަތެއް އެމެޗުގައި ލިބުނު. ނަމަވެސް ވެސްޓް ބްރޮމްގެ ކީޕަރު އެ ހަމަލާ ދިފާޢުކުރީ. ސްޓަރިޖް ފެނިގެންދިޔައީ އިދިކޮޅު ޓީމްގެ ޑިފެންސަށް ބިރެއްގެ ގޮތުގައި. އަހަރެމެން ބޭނުންވަނީ ގޯލް ކާމިޔާބުކުރަން." ޑިމަޓެއޯ ބުންޏެވެ.
ޔުވެންޓަސް އާއި ދެކޮޅަށް މިރޭ ރާއްޖޭ ގަޑިން 12:45 ގައި ޗެލްސީ ނުކުންނައިރު، އެކްލަބު އޮތީ ގްރޫޕް އީގެ އެއްވަނާގައެވެ. ދެވަނާގައި އޮތް ޝާޚްތަރު ޑޮނެސްކް އާއި ޗެލްސީއާއި ޕޮއިންޓްގެ ގޮތުން އެއްވަރެވެ. އަދި ތިންވަނާގައި ޔުވެންޓަސް އޮތީ އެއް ޕޮއިންޓްގެ ތަފާތަކާއެކު އެވެ. އެހެންކަމުން މިރޭގެ މެޗްތަކަކީ ޗެލްސީ، ޝާހްތަރު އަދި ޔުވެންޓަސް އަށް ވެސް މުހިންމު މެޗުތަކަކަށް ވާނެއެވެ. މިރޭ ޔުވެންޓަސް އާއި ދެކޮޅަށް ޗެލްސީ ނުކުންނާނީ ޔުވެންޓަސް ސްޓޭޑިއަމްގަ އެވެ.