20 Nov 2012, 09:00
ދައުލަތުގެ އިސްވެރިންނާއި ހައި ޕްރޮފައިލް ބޭފުޅުން ދިރިއުޅުއްވާ ގޭގޭގައި ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ފުލުހުން ހުށަހަޅައިފި އެވެ.
ދައުލަތުގެ އިސްވެރިން ދިރިއުޅުއްވާ ގޭގޭގެ ސެކިއުރިޓީ މިންގަނޑުތައް ހުރިގޮތް ބެލުމަށް ފުލުހުން ވަނީ ދާދިފަހުން ދިރާސާއެއްކޮށް ސަލާމަތީގޮތުން އަޅަން ފެންނަ ފިޔަވަޅުތައް އެބޭފުޅުންނާ ސިޓީއަކުން ހިއްސާކޮށްފަ އެވެ.
އެ ސިޓީތަކުގައިވާ ގޮތުން އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމާއި ސާވިއަލެންސް ސިސްޓަމެއް ގާއިމް ކުރުމާއި ލައިޓިން ސިސްޓަމެއް ގާއިމް ކުރުމާއި އަލިފާން ނިންވުމުގެ ނިޒާމު ގާއިމް ކުރުމާއި އަދި ސެކިއުރިޓީ އޮފިސަރުން އެ ގެތަކުގައި ބޭތިއްބުން ވަނީ ލާޒިމްކޮށްފަ އެވެ.
އެގޮތުން އެކްސެސް ކޮންޓްރޯލް ގާއިމް ކުރުމުގެ ބައިގައި ހިމެނެނީ އިލެކްޓްރޯނިކް ލޮގިން ސިސްޓަމެއް ގާއިމް ކުރުމާއި ޑަބަލް ލޮކް ކުރެވޭ ތަޅުތައް ހަރުކުރުމާއި އެކްސެސްވެވެން ހުރި ގިނަ ދޮރުތަކުގެ ބަދަލުގައި އެންމެ ދޮރެއް ބެހެއްޓުމާއި އަދި ވައިގޮޅި އާއި ކުޑަ ދޮރުފަދަ ތަންތަނުގައި ދަނގަޑު ތޭރިޖަހާ ފަސޭހައިން ހަލާކު ނުކޮށްލެވޭ ގޮތައް ބެހެއްޓުމެވެ.
ސާވިސް ސިސްޓަމްގެ ދަށުގައި ހިމެނެނީ ފެންވަރު ރަނގަޅު ސީސީޓީވީ ކެމެރާ ނިޒާމެއް ގާއިމް ކުރުމާއި އެލާމް ސިސްޓަމެއް ގާއިމްކުރުމެވެ. އެގޮތުން ސީސީޓީވީ ކެމެރާތައް 24 ގަޑިއިރު މޮނީޓާ ކުރުމާއި މަދުވެގެން 30 ދުވަހުގެ ސީސީޓީވީ ރެކޯޑިން ބެހެއްޓޭނެ ނިޒާމެއް ގާއިމްކުރުން ހިމެނެ އެވެ.
ލައިޓިންގެ ގޮތުގައި ރެކޮމަންޑްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ އިމާރާތުގެ ސިޑިގޮޅި އަލިކޮށް ދިއްލުމާއި ކަރަންޓް ކެނޑިއްޖެ ހާލަތުގައި އިމަޖެންސީ ލައިޓްތައް ގާއިމް ކުރުމާއި އަދި އެމެޖެންސީ ހާލަތެއްގައި ބޭނުން ކުރެވޭނެ ހިފާގެންގުޅޭ ލައިޓެއް އަބަދުވެސް ތައްޔާރުކޮށްފައި ބޭއްވުން ހިމެނެ އެވެ.
ފަޔާ ޕްރޮޓެކްޝަންގެ ގޮތުން އެންމެ ފަހުގެ ފަޔާ އެލާމް ސިސްޓަމާއި އަލިފާން ނިންވާނެ އެހެން ވަސީލަތްތައް ގާއިމްކުރުން ހިމެނެ އެވެ. ސެކިއުރިޓީ އޮފިސަރުންގެ ބައިގައިވެސް ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ. އެގޮތުން އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ބޭނުން ކުރާ ސެކިއުރިޓީ މީހުންގެ ބެކް ގުރައުންޑް ބެލެހެއްޓުމާއި ސެކިއުރިޓީ އޮފިސަރުން ލައްވާ މޯބައިލް ޕެޓްރޯލްތައް ކުރުވުން ހިމެނެ އެވެ.
"އެހެންކަމުން ގައުމުގެ މިފަދަ މުހިންމު ބޭފުޅުން ދިރިއުޅުއްވާ ތަންތަނަކީ އެއްވެސް ފަރާތަކުން ބޭނުން އިރަކު އެއްވެސް ހުރަހެއްނެތި މޮނީޓާ ނުކުރެވި ވަދެނިކުމެ ހެދޭތަނަކަށް ވުމަކީ ބޮޑު ނުރައްކަލަކާއި ކުރިމަތިވުމަށް ހުޅުވޭ ދޮރަކަށް މެނުވީ ނުވާނެ އެވެ. އެހެންކަމުން އިސްލާހީ ފިޔަވަޅުތަކުގެ ގޮތުން ފާހަގަކޮށްލެވޭ ކަންތައްތައް ވީހާވެސް އަވަހަކަށް ހަމަޖައްސާ ތަންފީޒު ކުރެއްވުމަކީ މުސަތަގުބަލުގައި މުދަލަށާއި ފުރާނައަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވެ ތިއްބެވުމަށް އެޅުއްވޭ ފިޔަވަޅެކެވެ. އެހެންކަމުން ނުރައްކާތެރި ހާދިސާއެއް ނުވަތަ ކަމެއް ހިނގުމުގެ ކުރިން އެކަމަށް އަޅުއްވަން ޖެހޭ އިސްލާހީ ފިޔަވަޅުތައް އެޅުއްވުމަކީ މިހާރުގެ ހާލަތައް ބަލާއިރު ކޮންމެހެން ކުރައްވަންޖެހޭ ކަމެކެވެ،" މަޖިލީހުގެ މެންބަރުންނާއި މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ފުލުހުން ފޮނުވި ސިޓީގައިވެ އެވެ.
ދާދިފަހުން ފުލުހުންގެ ބޭއްވި ޕްރެސް ބްރީފިން އެއްގައި ސެންޓްރަލް އޮޕަރޭޝަން ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ ވިދާޅުވެފައިވަނީ ގާނޫނު އަސާސީގެ ދަށުން ދައުލަތުން ސަލާމަތީ ހިދުމަތްތައް ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ތެރެއިން 81 ފަރާތެއްގެ ސެކިއުރިޓީ ބެލެހެއްޓުމުގައި 24 ގަޑިއިރު 170 ފުލުހަކު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އޭގެތެރެއިން 12 ފަރާތެއްގެ ގޭގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަމުން އަންކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުގެ ވެރިންގެ ސެކިއުރީޓީ ވަރުގަދަ ކުރަން ފުލުހުން ފަށާފައިވަނީ އޮކްޓޯމްބަރު މަހުގެ ދެ ވަނަ ދުވަހުގެރޭ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝިމް އަލީ ވަރަށް އަނިޔާވެރިކޮށް ބަޔަކު މީހުންނާ އޭނާ ދިރިއުޅުއްވި ގޭގެ ސިޑީކައިރީގައި އަވަހާރަކޮށްލާފައި އޮއްވާ ފެނުނު ހިސާބުންނެވެ.