20 Nov 2012, 08:54
މާލެ ތެރެއިން އާންމުކޮށް ފެންނަނީ ހޮންޑާ ވޭވް ސައިކަލެވެ. ނަމަވެސް ދުނިޔޭގެ ބާޒާރަށް އަލަށް ނިކުންނަ އެންމެ ފަހުގެ ސައިކަލާއި ކާރުވެސް ލަހެއް ނުވެ މާލެ ގެނައުމަކީ ދިވެހިންގެ ފެޝަނެކެވެ. އެއީ މިހާރު އާއްމު ކަމެކެވެ. އެންމެ ފަހުގެ މޮޑެލްގެ ސައިކަލެއް ނޫނީ ކާރެއް ދުއްވާލުމަކީ އެކަމާ އެއްވެސް މީހަކު ހައިރާންވާނެ ކަމެއް ނޫނެވެ. އެއީ ތައުރީފު އޮހޭނެ ކަމެކެވެ.
ނަމަވެސް މިފަހަރު މިފެންނަނީ މުޅި ތަފާތު މަންޒަރެކެވެ. މުޅިން ތަފާތު ސައިކަލެކެވެ. އޯކިޑު މަގުގެ ހުޅަނގުން އިރަށް ސައިކަލް ދުއްވާފައި އެ އަންނަނީ މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު އެވެ. ސުޖާއު ސައިކަލް ދުއްވާފައި އަންނަތަން ފެންނަ ކޮންމެ މީހަކުވެސް ހުއްޓި ބަލަން ހުރެ އެވެ. ކުރިން ނުފެންނަ ޒާތެއްގެ ސައިކަލެއްގައި މީހަކު ދުއްވާތީ އެވެ. ސުޖާ އައިސް މަޑުކުރީ ސުޕްރީމް ކޯޓު ކުރިމަތިން މަގުގެ އަނެއް ފަޅީގައި ހުރި ގަރާޖެއްގެ ކުރިމައްޗަށެވެ. އެހެން ސައިކަލުތަކާއި ހުރި ތަފާތަކީ އޭނާ ސައިކަލް ދުއްވަން ހުރީ ކޮޅަށް ކަމެވެ.
"މި ސައިކަލަކީ ސިއްހަތަށް ބަލައިގެން އުޅޭ މީހުންނަށް ވަރަށް ރަނގަޅު އެއްޗެއް. އެއީ މި ސައިކަލް ދުއްވޭނި ކޮޅަށް ހުރެގެން. މީގެ ދުވެލި ހުންނާނީ މީހާގެ ބަރުދަނާ އިހްސާސް އާ އެއްގޮތަށް،" ސައިކަލްގެ މޮޅު ވާހަކަ ދައްކަމުން ސުޖާ ވިދާޅުވި އެވެ.
"ސެގްވޭ"ގެ ނަން ދީފައިވާ އެ ސައިކަލަކީ ކޮޅަށް ހުރެ ދުއްވަން ޖެހޭ ހުންގާނުވެސް ދިގުކޮށް ހުންނަ ސައިކަލެކެވެ. ކޮޅަށް ހުންނަން ހަދާފައިވާ ތަންކޮޅަކީ ހަތަރިސްކަން ގޮޅިއެއްހާ ވަރުގެ ތަންކޮޅެކެވެ. އެއީވެސް ފަހުގެ ބްރޭންޑް ސައިކަލެކެވެ. ނަމަވެސް އެ ސައިކަލު ދުއްވާލުމަށް ސުޖާއަށް ވަރަށް ފަސޭހަ އެވެ. މުޅި ސައިކަލުގެ ކޮންޓްރޯލް ބިނާވަނީ އޭނާގެ ހަށިގަނޑުގެ ހަރަކާތްތަކަށެވެ.
"ބޭނުންވާ ކޮންމެ ވަގުތަކުވެސް ވަރަށް ކުޑަ ތަންކޮޅެއްގައި އަނބުރާލެވޭ. މި ސައިކަލްގެ ސްޕީޑް ނަގަންވެސް ވަރަށް ފަސޭހަ. ސްޕީޑް ނަގަނީ މީހާގެ ބޮޑީ މޫވްމެންޓުން. ސައިކަލް މަތީ ކޮޅަށް ހުރެފައި ފަހަތަށް ޖެހިލީމައި އެ ޖެއްސުނީ ބުރެކި. ކުރިއަށް ބަރުލާ ވަރަކަށް ސްޕީޑް ނަގާނެ. ދެން އެމީހަކު ބާރަށް ދުއްވަން ބޭނުން ނޫނިއްޔާ މީގައި ވަކި މޯޑެއް އިންނާނެ. އެ މޯޑަށް ލީމަ ކިތަންމެ ވަރަކަށް ކުރިއަށް ބެންޑު ވިޔަސް ސައިކަލް ދުވާނި ހަމަ މީހަކު ބާރަށް ހިނގާފަ ދާވަރަށް. އަނެއްކަ ފަހަތަށްވެސް ދުއްވޭނެ. ރޭސް މުއްގަޑެއް ނީންނާނެ. ރޭސް މުއްގަނޑަކީ މީހާގެ ބޮޑީ މޫވްމެންޓްސް،" ސުޖާ ވިދާޅުވި އެވެ. "ދުއްވަން ދަސްކުރަންވެސް ވަރަށް ފަސޭހަ ވާނެ. ފުރަތަމަ އަރާފަ މީގެ މޫވްމެންޓްސް ތަށް ދަސްކޮށްލީމަ އެ ނިމުނީ. އަނެއްކަ މީހަކު ގައިގަ ޖެހުނަސް ބޮޑު އަނިޔާއެއް ނުވާނެ. މި ސައިކަލްގެ މެކްސިމަމް ސްޕީޑަކީ 45 ކިލޯމީޓަރު. އަނެއްކަ ގޯޅި އަޅަންވެސް ވަރަށް ފަސޭހަ ވާނެ،"
އެ ސައިކަލު އާންމު ގޮތެއްގައި ބޭނުން ކުރަނީ ބޮޑެތި ފެކްޓްރީ ފަދަ ތަންތަނުގަ އެވެ. އޭގެ އިތުރުންވެސް ޓޫރިސްޓް ރިސޯޓު ތަކުގައިވެސް ސެގްވޭ ބޭނުންކޮށް އުޅެ އެވެ. ސެގްވޭގެ އެންމެ މުހިއްމު ކަމަކީ އެފަދަ ތަންތަނުން ކަސްޓަމަރުންނަށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމެވެ. ގޮލްފް ދަނޑު ތަކުގައިވެސް ސެގްވޭ މަގުބޫލެވެ. ދުރަށް ބޯޅަ ޖަހާފައިވާ ގޮސް އެ ބޯޅަ އަނބުރާ ގެނައުމަށް ސެގްވޭ ގެ ދައުރު ބޮޑެވެ.
ސުޖާ ވިދާޅުވީ އޭނާ ސެގްވޭއަށް ގަޔާވީ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގައި އެފަދަ ތަންތަނުން ސެގްވޭ ފެންނާތީ އެވެ. އެ ތަންތަނުގައި ހުންނަ ފެކްޓްރީތަކަކީ މާލެ ވަރުގެ ނުވަތަ މާލެ އަށްވުރެ ބޮޑު ތަންތަން ކަމަށްވާއިރު ސެގްވޭ މާލޭގައި ނުދުއްވަންވީ އެއްވެސް ސަބަބެއްނެތެވެ.
"މި ސައިކަލަށް ޒުވާނުން ވަރަށް ލައިކްވޭ. ގިނަ މީހުންގެ ކޮމެންޓްސް ހުންނަނީ މިއީ ދެން ވަރަށް ހިތްގައިމު އެއްޗެކޭ. ވަރަށް މަދު ބައެއްގެ ވިސްނުން ތަފާތުވަނީ. އެބަބުނޭ ތިއީ ދެން އެއާޕޯޓުގައި ދުއްވާ އެއްޗެއް ނޫންހޭ. ތިއީ މޮޔައިން ކުރާ ކަމެއް ނޫންހޭ. އެކަމަކު މި ނުދުއްވަންވީ ސަބަބެއް ނެތް،" ސުޖާއު ވިދާޅުވި އެވެ.
ތޮއްޖެހިފައިވާ މާލޭގައި ޕާކުކުރުމުގެ މައްސަލަވެސް އިންތިހާއަށް ބޮޑުވެފައިވާ އިރު ސުޖާގެ ސެގްވޭ އަކީ ވަރަށް ކުޑަ ތަންކޮޅެއްގައި ޕާކު ކޮށްލެވޭނެ ސައިކަލެކެވެ. ތެޔޮ އަޅަން ނުޖެހުމުގެ ސަބަބުން ސެގްވޭ ވެފައިވަނީ ތިމާވެއްޓާވެސް ނުހަނު ރައްޓެހި ސައިކަލަކަށެވެ.
މި ސައިކަލަށް ތެޔޮވެސް އަޅާކަށް ނުޖެހޭ. ގާތްގަނޑަކަށް އެއްދުވަހު ޗާޖް ކުރީމައި ހަފްތާއަކު މާލެ ކަހަލަ ތަނެއްގައި ދުއްވޭނެ. އެހެންވީމަ އެގޮތަށް ބަލައިފި ނަމަ ޚަރަދުވެސް ވަރަށް ކުޑަ،" ސުޖާ ވިދާޅުވި އެވެ.
ސެގްވޭ އަގުގެ ގޮތުން ބަލާއިރުވެސް ހުރީ އަތްފޯރާ ފަށުގަ އެވެ. ސެގްވޭގެ އަގުތަށް އުޅެނީ 3000 ޑޮލަރުން ފެށިގެން 15،0000 ޑޮލަަރާ ދޭތެރޭގަ އެވެ. ސުޖާއު މިހާރު ނިންމައިގެން ހުރީ ސެގްވޭ ދުއްވުމުގެ އިތުރަށް އެ ބްރޭންޑް ސައިކަލް ވިޔަފާރިވެސް ކުރާށެވެ.
"ހާއްސަގޮތެއްގައި ރިސޯޓްތަކުން ޑިމާންޑް ރަނގަޅު. އެހެންވީމައި އަހަރެން މި ހުރީ އޭގެ ވިޔަފާރިވެސް ކުރަން ނިންމައިގެން،" ސުޖާ ވިދާޅުވި އެވެ.