ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތް 2014 ވަނަ އަހަރު ބާއްވަން ޕިލިޕީންސާއި ރާއްޖެ ޝޯޓް ލިސްޓު ކުރުމުން އިންޑިޔާ ހިތްހަމަނުޖެހިއްޖެ އެވެ.

އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަލްބާޓޯ ކޮލާސޯ ބުނީ ސިލެންޝަނުގައި އޮޅުންތަކެއް އަރާފައިވާތީވެ އިންޑިޔާ ނުހިމެނޭ ސަބަބު އޮޅުން ފިލުވުމަށް އޭއެފްސީއަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.

"މި ވަގުތު މިކަމުގައި އޮޅުންތަކެއް އެބަހުރި. އޭއެފްސީން މިދެނީ ދެ ނަމެއް. އޭގެ ތެރޭގައި އިންޑިޔާ ނުހިމެނޭ. އަހަރެން އެކަމާ ސުވާލުކުރިން އަދި އިންތިޒާރުމި ކުރަނީ އޭއެފްސީގެ ޖަވާބަކަށް. ފައިނަލް ޑިސިޝަން މިނަގަނީ ކޮމްޕެޓިޝަން ކޮމިޓީން،" ކޮލާސޯ ވިދާޅުވި ކަމަށް ސަރަހައްދީ ނޫސްތަކުގައިވެ އެވެ.

އޭނާ އަދި ވިދާޅުވީ އިންޑިޔާގެ ފުޓްބޯޅަ ދަނޑުތައް އިންސްޕެކްޓް ކުރުމުގެ ބޭނުމެއްނެތް ކަމަށް އޭއެފްސީން ބިޑް އިވެލުއޭޓްކުރަން ފެށުމުގެ ކުރިން ސިޓީ ފޮނުވާފައިވާ ކަމަށެވެ.

"އެއީ އެމީހުން މީހެ ކުރިން ތިން ދަނޑު ވެސް އިންސްޕެކްޓް ކޮށްފައިވާތީވެ،" ކޮލާސޯ ވިދާޅުވި އެވެ.
އިންޑިޔާ ވަނީ 2008 ވަނަ އަހަރު ޗެލެންޖް ކަޕް އެ ގައުމުގައި ބާއްވައިގެން ޗެމްޕިއަންކަން ހޯދައި 2011 ވަނަ
އަހަރުގެ އޭއެފްސީ އޭޝިއަންކަޕުގައި ވެސް ކުޅެފަ އެވެ. ޗެލެންޖްކަޕް ސަރަހައްދީ ގައުމުތަކަށް މުހިންމު ވަނީ ޗެމްޕިއަންކަން ހޯދާ ގައުމަކަށް އޭޝިއަން ކަޕުން ފުރުސަތު ލިބޭތީ އެވެ.