20 Nov 2012, 01:13
އަންނަ ސީޒަނުގައި ޓީމު ބައްޓަން ކުރުމަށް ނިއު އާއި ވެލެންސިއާ އަދި ވިކްޓަރީގެ ލޯ ބިދޭސީ ކޯޗުންނަށް އަމާޒުވެއްޖެ އެވެ.
މީގެ ތެރެއިން ވެލެންސިއާ އާއި ނިއުއަކީ އަބަދުވެސް ބިދޭސީ ކޯޗުން ގެނައުމުގައި އެންމެ ކުރީގައި އުޅުނު ދެ ޓީމެވެ. ނަމަވެސް މާލީ މައްސަލަތަކާ ވެސް އެކު ހުސްވި ތިން އަހަރު ގެންގުޅުނީ ދިވެހި ކޯޗުންނެވެ. މިއާ ހިލާފަށް ވިކްޓަރީ އަކީ ދިވެހި ކޯޗުންނަށް އިސްކަންދޭ ޓީމެކެވެ.
ވެލެންސިއާގެ ޗެއާމަން އިބްރާހީމް ރާއީ ރަޝީދު ވިދާޅުވީ އޭނާގެ ކުލަބަށް އަންނަ އަހަރު ބިދޭސީ ކޯޗަކު ގެނައުމަށް ތިން ކޯޗަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެއް ކޯޗަކީ ވެލެންސިއާ އަށް ކުރިން ކޯޗުކޮށްދިން އިނގިރޭސިވިލާތުގެ ޑޭވިޑް ބޫތެވެ. އޭނާ ވަނީ ވަރަށް އާދައިގެ ޓީމަކާއެކު ވެލެންސިއާ އަށް 2007 ވަނަ އަހަރުގެ ކަޕް ވިނާސް ކަޕް ހޯދައިދީ އެފްއޭކަޕް ފައިނަލުން ފުރުސަތު ހޯދައިދީފަ އެވެ. ނަމަވެސް ކޯޗު ވަނީ ވަކި ހިސާބަކުން މަގާމުން ވަކިވެ އަމިއްލަ އަށް އިންޑިޔާގެ މުމްބާއީ އެފްސީ އަށް ކޯޗުކޮށްދޭން ގޮސްފަ އެވެ. އޭނާ އކީ މިހާރު މެލޭޝިޔާގެ ސެލަންގޯގެ ކޯޗެވެ.
"އަނެއް ދެ ކޯޗުންނަކީ ރާއްޖެ އަށް އާ ނަމަވެސް ރަނގަޅު ދެ ކޯޗުން. ވަރަށް އަވަހަށް ފައިނަލް ކުރެވޭނެ ކޯޗެއް،" ރާއީ ވިދާޅުވި އެވެ.
ނިއުގެ ކޯޗުކަމުން މުހައްމަދު ޝިޔާޒް (މޯހަން) ތިން އަހަރަށް ފަހު ވަކިވީ އޭއެފްސީ ކަޕް ކުރިމަތީގައި އޮއްވަ އެވެ. ދިވެހި ލީގާއި ގައުމީ ތަށިް ހޯދައިދިނުމަށް ފަހު މޯހަން އަމިއްލަ އަށް މަގާމުން ވަކިވުމުން ނިއުގެ ވިސްނުން ހުރީ ވެސް ބިދޭސީ ކޯޗަކާ ދިމާލަށްކަމަށް ކަށަވަރުވެ އެވެ. ސަބަބަކީ ދިވެހި ކޯޗުންގެ ތެރެއިން މޯހަން އަށްވުރެ ވަކި ރަނގަޅު ކޯޗަކު ނެތުމުންނެވެ. ނަމަވެސް ކޯޗާ ބެހޭ ގޮތުން ނިއު އަދި ވަކިއެއްޗެއްނުބުނެ އެވެ.
ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއީލް ޒަރިޔަންދު ވިދާޅުވީ ރަތް ޓީމު ބިދޭސ ކޯޗަކު ގެންނަން ބޭނުންވަނީ އެ ޓީމުގެ ކޯޗުކަމުގައި ފާއިތުވެދިޔަ ފަސް އަހަރު ހޭދަކުރި އަލީ ސުޒޭނަށްވުރެ މޮޅު ދިވެހި އެހެން ކޯޗަކު ހޯދުމަކީ ދަތިކަމަކަށްވާތީ ކަމަށެވެ. ސުޒޭން އިސްތިއުފާދިނީ ވިކްޓަރީގެ ހިންގާ ބޯޑާ، ހާއްސަކޮށް ކުރީގެ ޗެއާމަން އީވާ އަބުދުﷲއާ މައްސަލަޖެހިގެންނެވެ. އީވާ މަގާމުން އިސްތިއުފާދެއްްވީ ހުސްވި އޮކްޓޫބަރު މަހު އެވެ.