20 Nov 2012, 01:03
ދުނިޔޭގެ މި އަހަރުގެ ޑްރީމް ޓީމުގެ ކީޕަރަކު ހޮވުމަށް ފަސް ކީޕަރަކު ފީފާއިން ޝޯޓްލިސްޓުކޮށްފި އެވެ.
މިއަދު އިއުލާނުކުރި ފަސް ކީޕަރުންނަކީ ރެއާލް މެޑްރިޑުގެ ސްޕޭން ކީޕަރު އިކާ ކަސިޔާސް އާއި ޖަރުމަނުގެ ބަޔާން މިއުނިކްގެ ކީޕަރު މެނުއަލް ނިއުޔާ އާއި ޗެލްސީގެ ޗެކްރިޕަބްލިކް ކީޕަރު ޕީޓަ ޗެކާއި އިންގްލޭންޑާއި މެންޗެސްޓާ ސިޓީގެ ކީޕަރު ޖޯހާޓާއި އިޓަލީގެ ޔުވެންޓަސްގެ ކީޕަރު ޖިއާން ލުއިޖީ ބުފޮން އެވެ.
މި ފަސް ކީޕަރުންގެ ތެރެއިން ރެއާލް އާއި ސްޕޭންގެ ކެޕްޓަން ކަސިޔާސް އަކީ ހުސްވި އަހަރުގެ ޑްރީމް ޓީމުގެ ވެސް ކީޕަރެވެ. އަދި އޭނާ އަކީ ހުސްވި ޖޫން މަހު ނިމުނު ޔޫރޯ މުބާރާތް ކާމިޔާބު ކުރި ސްޕޭން ޓީމުގެ ކީޕަރު ވެސްމެ އެވެ. ބުފޮން އަކީ ޔޫރޯ ފައިނަލް ކުޅުނު އިޓަލީ ޓީމުގެ ކީޕަރު އަދި ކެޕްޓަނެވެ. އޭނާ ވަނީ ހުސްވި ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ޔޫރޯގައި މާދުރަށް ނުދެވުނަސް ޗެކް ވަނީ ޗެލްސީ އަށް ޗެމްޕިއަންސް ލީގާއި އެފްއޭކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ. ޖޯހާޓް ވަނީ 50 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އިނގިރޭސި ލީގު ސިޓީއަށް ހޯދާދީފަ އެވެ. ނިއުއާ ވަނީ ޖަރުމަނު ޓީމުގައި ވެސް މޮޅަށް ކުޅެފަ އެވެ.
ދުނިޔޭގް ފިފްޕްރޯ ޑްރީމް ޓީމު އިއުލާނުކުރާނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އިއުލާނުކުރުމަށް އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ޒިއުރިކްގައި ބާއްވާ ހަފުލާގަ އެވެ. ޑްރީމް ޓީމު ހޮވުމަށް 50000 މީހުން ވޯޓުދޭނެ އެވެ.