މެދުއިރުމަތީގައި ހަމަނުޖެހުން އުފެދުމުގެ އަސްލަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުނުކުރުން ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު ޑރ. އަބްދުއް ސަމަދު އަބްދުﷲ އިޒްރޭލަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

އިސްލާމީ ހަތިޔާރު އެޅި ޖަމާއަތް، ހަމާސްގެ ބާރުގެ ދަށުގައި އޮންނަ ޣައްޒާ އަށް މިދިޔަ ހަފްތާ އިން ފެށިގެން އިޒްރޭލުން މެދުކެނޑުމެއް ނެތި ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ދިވެހި ހާރިޖިއްޔާ އިން މިރޭ ނެރުނު ބަޔާނެއް މެދުވެރިކުރައްވާ މިނިސްޓަރު ސަމަދު ވިދާޅުވެފައި ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމް ކުރަމުން ނުދާ ކަމަށާއި އެ ސަރަހައްދުގެ މައްސަލަތަކުގައި އިޒްރޭލުން ނަގަން ޖެހޭ ޒިންމާ އެހެން ފަރާތްތަކަށް ވުރެ މާބޮޑު ކަމަށެވެ.

"މެދުއިރުމައްޗަށް ދާއިމީ ސުލްހައެއް ގެނެވޭނީ އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކުން އެކަމަށް މަސައްކަތްކޮށްގެން ކަމަށާއި އެ ސަރަހައްދުގައި ހަމަނުޖެހުން އުފެދުމުގެ އަސްލަކީ ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އިޒްރޭލުން އިހުތިރާމް ނުކުރުން ކަމަށްވާތީ، އިޒްރޭލުން ނަގަންޖެހޭ ޒިންމާ އެހެން ހުރިހާ ފަރާތްތަކަށް ވުރެ ބޮޑުކަމަށް ދިވެހި ސަރުކާރުން ދެކެމެވެ،" ޝަމަދު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ އިޒްރޭލުގެ ހަމަލާތަކުގައި ކުށެއްނެތް އެތައް އާންމުންގެ ފުރާނަގެއްލިގެން ގޮސް އެތައް ބަޔެއްގެ ގެދޮރު ހަލާކުރަމުން ދާއިރު އެކަން ހުއްޓުވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ އެންމެ އިސް ވާޖިބު ކަމަށާއި އެ އަމަލުތައް ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކުށްވެރިކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ހަމަލާތައް ކުށްވެރިން ކުރަމުން ސަމަދު ވިދާޅުވެފައި ވަނީ އެ ހަމަލާތައް މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމަށެވެ.

އިޒްރޭލުގެ ހަމަލާތައް ހުއްޓުވާ މެދުއިރުމައްޗަށް ސުލްހަގެނައުމަށް އަރަބިލީގާއި މިސްރާއި ޓިއުނީޝިޔާ އާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް ކުރައްވަމުން ގެންދަވައި މަސައްކަތްތަކަށް ރާއްޖޭގެ ފުރިހަމަ ތާއީދުއޮތްކަން ސަމަދު ވަނީ ހާމަކުރައްވަ އެވެ.

"އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭނެ، އެ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކުރަން،" ސަމަދު ވިދާޅުވެފައިވެ އެވެ.

އިޒްރޭލުގެ ވަރުގަދަ ހަމަލާތައް މިދިޔަ ބުދަ ދުވަހު ފެށީ އިރު އެއްގަމާއި ވަޔާ އަދި ކަނޑުގެ މަގުން ޣައްޒާ އަށް އަންނަނީ ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި އިއްޔެ އެކަނި ވެސް 25 މީހަކު މަރާލާފައިވެ އެވެ. މިޙަމަލާތައް ފެށި ފަހުން މިހާތަނަށް ޝަހީދުކޮށްލެވުނު ފަލަސްތީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 75 އަށް އަރައިފަ އެވެ. އަދި ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 670 އަށް އަރައިފަ އެވެ. އިސްރާއީލުން ޝަހީދުކޮށްލި 75 މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކުން ބުނެ އެވެ.

ނަމަވެސް އިޒްރޭލުން ބުނަނީ މިއީ ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރިންގެ ދިފާއުގައި އެގައުމުން ފެށި ހަމަލާތަކެއް ކަމަށެވެ.