މަގާމުން މިއަދު ކުއްލި ގޮތަކަށް ވަކި ކުރެއްވުމުގެ ކުރިން އިސްތިއުފާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ އެންގެވި ކަމަށާއި ނަމަވެސް އެކަމަށް އެއްބަސްވެ ނުލެއްވީ ކަމަށް ހިއުމަން ރައިޓްސް މިނިސްޓަރު ކަމުގެ މަގާމު ފުރުއްވި ފާތުމަތު ދިޔާނާ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަގާމުން ވަކިކުރެއްވުމާ އެކު މިނިސްޓްރީގައި ހުރި އެކަމަނާގެ ތަކެތި ގެންދަވަން މިއަދު އިރުއޮއްސުނު ވަގުތު މިނިސްޓްރީ އަށް ވަޑައިގެން މިނިސްޓްރީގެ ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިތުބާރު ނުކުރެވޭނެ ފަދަ މާހައުލެއް އޮތް ކަމަށް ވިދާޅުވެ މިއަދުގެ ވަގުތެއްގައި ރައީސް އޮފީހުން ގުޅައި މަގާމުން އިސްތިއުފާ ދިނުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށް އެކަމަނާ އަށް ދެންނެވި ކަމަށެވެ. އަދި އެކަމަށް ޖަވާބެއް ދިނުމަށް ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެ އެކި ފަރާތްތަކާ މަޝްވަރާ ކުރެއްވި ކަމަށާއި އެއަށް ފަހު މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ރައީސަށް ދެންނެވި ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް މިއަދު 5:30 ހާއިރު ޕްރެސް ސެކްރެޓަރީ ގުޅުއްވާފައި ވިދާޅުވީ ރައީސް ވިދާޅުވިއޭ އިތުބާރު ނުކުރެވޭ ފަދަ މާހައުލެއް އޮތީމާ ދިޔާނާ އިސްތިއުފާ ދިނުމޭ ރައީސް އެދިވަޑައިގަންނަވަނީ. ދެން އަޅުގަނޑު ދެންނެވީ ވިސްނާލާފައި 15 ވަރަކަށް މިނެޓު ފަހުން ގުޅާނަމޭ. ދެން އަޅުގަނޑު މަޝްވަރާކުރި ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ގުޅާފައި ދެންނެވިން އަޅުގަނޑު އަމިއްލަ އަކަށް އިސްތިއުފާއެއް ނުދޭނަމޭ. އިތުބާރު ގެއްލުވާލީ ރައީސޭ. އެހެންވީމާ އަޅުގަނޑު އިސްތިއުފާއެއް ނުދޭނަމޭ. އިތުބާރު ނެތް ކަމަށްވާ ނަމަ ރައީސް އަޅުގަނޑު ވަކި ކުރައްވާށޭ. އެހެންވީމާ އެކަން އޮޅުން ފިލުވާފައި އަޅުގަނޑަށް ފޯމަލް ނޯޓިފިކޭޝަން ފޮނުވާދޭށޭ. ވީހާ އަވަހަކަށް އަޅުގަނޑު އަންނާނަމޭ އޮފިޝަލްކޮށް ހޭންޑް އޯވާ ކުރަން،" ދިޔާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިތުބާރު ނުކުރެވޭނެ ފަދަ މާހައުލެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އޭނާ މަގާމުން ވަކިކުރީ އިންޓަ ޕާލިމެންޓްރީ ޔުނިއަން (އައިޕީޔޫ)ގެ ހިއުމަންރައިޓްސް ކޮމެޓީގެ ވަފުދަކާ މާދަމާ އެކަމަނާ ބައްދަލުކުރައްވަން ހަމަޖެހިފައި އޮތުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިސްތިއުފާދެއްވި ނަމަވެސް އަވަސް މުއްދަތެއްގެ ތެރޭގައި ޕާޓީއަކާ ގުޅިވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ދެހާސް ތޭރައިގެ ކުރިން އަޅުގަނޑު މިއޮތް ދުވަސްތަކުގައި ޕާޓީއަކާއި ގުޅުމުގެ ވިސްނުމެއްނެތް،" ސަން އޮންލައިނަށް ތަކުރާރުކޮށް ސުވާލުކުރުމުން ދިޔާނާ އެންމެ ފަހުން ދެއްވީ އެ ޖަވާބެވެ.

ދިޔާނާ މަގާމުން ވަކިކުރެއްވި އިރު އޭނާގެ ފިރިކަލުން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަސްތުވާތަކެތި ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރުމުން އެކަމަނާ ވަނީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ފިރިކަލުންނާ އެކު އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ދިޔާނާ ވަނީ ފުލުހުން އޭނާގެ ފިރިކަލުންނަށް އަނިޔާކުރި ކަމަށް ބުނެ ފުލުހުން އަމަލުކުރި ގޮތް ނޫސްވެރިންނަށް އަމަލީ ގޮތުން ދައްކާ ލައްވައިފަ އެވެ. އަދި ޖާބިރު ހައްޔަރު ކުރުމަކީ ސިޔާސީ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާ ދިޔާނާ ވަރަށް އަސަރާ އެކު ވާހަކަ ދެއްކެވި އެވެ. މިއަދުވެސް ދިޔާނާ އެވާހަކަތައް ތަކުރާރުކުރެއްވި އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ދިޔާނާ ބަންޑާރަ ނައިބުކަން ކުރެއްވި އެވެ. ނަމަވެސް އޭރުގެ ސަރުކާރާ ހިޔާލު ތަފާތުވެ ރައީސް ނަޝީދު ދިޔާނާ ބަންޑާރަ ނައިބުކަމުން ވަކިކުރެއްވި އެވެ. އޭގެ ފަހުން އަނެއްކާ ވެސް ދިޔާނާ އަށް ސާކުގެ ސެކްރެޓަރީ ޖެނެރަލްކަން ރައީސް ނަޝީދުގެ ސަރުކާރުގައިދެއްވި އެވެ. ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވެ އެ މަގާމުން އޭނާ އަމިއްލަފުޅަށް އިސްތިއުފާދެއްވި އެވެ.