19 Sep 2010, 17:46
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ރާވާތީ ޑީއާރްޕީގެ އިސް ބައެއް މެމްބަރުން ޕާޓީން ވަކިކުރުމަށް ޕާޓީގެ ލީޑަރު ނިންމަވައިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ދޮގުކުރައްވައިފި އެވެ.
މީޑިއާ އަށާއި ބައެއް އެހެން ފަރާތްތަކަށް، ކާކުކަން ނޭނގޭ މީހަކު މިރޭ ފޮނުވަމުންދާ އެސްއެމްއެސް އެއްގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ރޭވުމުގެ ކުށުގައި ޑީއާރްޕީގެ ނައިބު ލީޑަރުން ކަމަށްވާ އުމަރު ނަސީރާއި އިލްހާމު އަހުމަދު އިތުރުން، ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު މަހުލޫފާއި އަލީ އާރިފާއި އަހުމަދު ނިހާން ހުސެންމަނިކު ޑީއާރްޕީން ވަކިކުރުމަށް ތަސްމީނު ނިންމަވައިފައިވާ ކަމަށެވެ.
މި ކަމާ ގުޅިގެން ސަންއެފްއެމް ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި އުމަރާއި އިލްހާމް ވިދާޅުވީ އެއީ ރާވަފާނެ ގޮތެއް ކަމަށާއި ނަމަވެސް ނައިބު ލީޑަރުން ވަކިކުރުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.
އިލްހާމް ވިދާޅުވީ ޑިސިޕްލިނަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވި ކަމަށާއި ބޭނުންވަނީ "އަހަރުމެންނާ ދޭތެރޭ ފިޔަވަޅު އެޅުން" ކަމަށެވެ.
އިލްހާމް އަދި ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި ހަފުތާއަކު މުޒާހަރާއެއް ބާއްވަން ވެސް ފަސްނުޖެހޭނެ ކަމަށެވެ.
އުމަރު ވިދާޅުވީ ވާދަވެރި އިދިކޮޅު ޕާޓީއެއްގެ ރޯލް ޑީއާރްޕީ އަށް އަދާކުރެވެން ޖެހޭނެ ކަމަށާއި ނައިބު ލީޑަރުންގެ މަގާމަށް އެ ބޭފުޅުން އިންތިހާބުކޮށްފައި ވަނީ އެކަމުގެ އިތުބާރު އާންމު މެމްބަރުންނަށް އޮތުމުން ކަމަށެވެ.
މި ކަމާ ގުޅިގެން ސަން އެފްއެމަށް ލިބުނު އެސްއެމްއެސް، ޑީއާރްޕީގެ ލީޑަރު ތަސްމީނަށް ފޮނުވައި، މިއީ އެއްވެސް ހަގީގަތެއް އޮތް ކަމެއްތޯ ދެންނެވުމުން ޖަވާބުގައި ފޮނުއްވި އެސްއެމްއެސްގައި ތަސްމީނު ވިދާޅުވީ އެއީ "އެއްވެސް ހަގީގަތެއް ނެތް" އެސްއެމްއެސް އެއް ކަމަށެވެ. އަދި "އެފަދަ ފިޔަވަޅެއް އަޅާނީ ޕާޓީގެ ކަމާ ބެހޭ ގުނަވަނަކުން" ކަމަށާއި އެއީ "ލީޑަރު އަމިއްލަ އަށް ކުރާ ކަމެއް ނޫން" ކަމަށެވެ.