19 Nov 2012, 18:46
ގ. ވޭރު އަބްދުލް މުހީތު މަރާލިކަމަށް ތުހުމަތު ކުރެވޭ ތިން ކުދިންގެ މައްޗަށް ދަައުލަތުން ކޮށްފައިވާ ގަސްތުގައި މީހަކު މަރާމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށް އޭނާގެ އިތުރު ދެ ވާރިސަކު ބުނެފި އެވެ.
މުހީތުގެ ދެ ވާރިސެއްގެ ބަޔާން ނެގުމަށް ޖުވެނައިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޭނާގެ މަންމަ އާއި ބައްޕަ ބުނީ މުހީތު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ ތިން ކުދިންގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެނަމަ ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށެވެ. އަދި މީގެ ކުރިން މުހީތުގެ އެއްބަފާ ދައްތަގެ ބަޔާން ނެގުމުން އޭނާ ވެސް ބުނެފައިވަނީ އެ ތިން ކުދިންގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދެން އެ މައްސަލަ ޝެޑިއުލްކޮށްފައި ވަނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހަށް ކަމަށެވެ. އަދި އެ ދެ ދުވަހު ވެސް އޮންނާނީ މުހީތުގެ ވާރިސުންގެ ބަޔާން ނެގުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މުހީތު މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން ކުދިންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގާފައިވާއިރު އެ މީހުންގެ ފޯންކޯލް ރިކޯޑިންވެސް ޝަރީއަތުގައި ވަނީ އިއްވާފަ އެވެ.
ނަމަވެސް މައްސަލައިގެ ބާވަތުން ހެކިބަސް ލިބުނުގޮތެއް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.
ޖުވެނައިލް ކޯޓުން ބުނީ ހާދިސާ ހިނގިއިރު އެތިން ކުދިންގެ އުމުރަކީ 17 އަހަރު ކަމަށާއި އޭގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެނަށް ވެސް މިހާރު 18 އަހަރު ފުރިފައިވާކަމަށެވެ.
މުހީތުގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. އެ ތިން މީހުންނަކީ ގދ. ގައްދޫ އަބްލަޢީގޭ މުހުޖަތު އަހުމަދު ނާސިހު، 19، އާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައު، 19، ގެ އިތުރުން ޅ. ނައިފަރު ޒައިތޫނިގޭ، 19، މުހައްމަދު މައިމޫން، 19، ގެ މައްޗަށެވެ.
އެ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ވެސް މިހާރު ވަނީ ނަގާފަ އެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ކްރިމިނަލް ކޯޓުން ބާއްވާފައެއް ނުވެއެވެ.