19 Nov 2012, 18:14
ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި، ފާތިމަތު ދިޔާނާ ސައީދު މިއަދު އެ މަގާމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވަކިކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު މިއަދު ވިދާޅުވީ ދިޔާނާ މަގާމުން ވަކިކުރެއްވީ މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން އަމަލުތައް ބަހައްޓަވަން ނުޖެހޭ ގޮތަކަށް އަމަލުތައް ބަހައްޓަވާފައިވާތީ ކަމަށެވެ. ރައީސް މިއަދު ފޮނުއްވި ސިޓީގައި ދިޔާނާ މިނިސްޓަރު ކަމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ދިޔާނާ މަގާމުން ވަކިކުރެއްވީއިރު އޭނާގެ ފިރިކަލުން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަސްތުވާތަކެތި ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރުމުން އެކަމަނާ ވަނީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ފިރިކަލުންނާ އެކު އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދިޔާނާ ވަނީ ފުލުހުން އޭނާގެ ފިރިކަލުންނަށް އަނިޔާކުރި ކަމަށް ބުނެ ފުލުހުން އަމަލުކުރި ގޮތް ނޫސްވެރިންނަށް އަމަލީ ގޮތުން ދައްކާ ލައްވައިފަ އެވެ. އަދި ޖާބިރު ހައްޔަރު ކުރުމަކީ ސިޔާސީ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާ ދިޔާނާ ވަރަށް އަސަރާއި އެކު ވާހަކަ ދެއްކެވި އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ދިޔާނާ ބަންޑާރަ ނައިބުކަން ކުރެއްވި އެވެ. ނަމަވެސް އޭރުގެ ސަރުކާރާ ހިޔާލު ތަފާތުވެ ރައީސް ނަޝީދު ދިޔާނާ ބަންޑާރަ ނައިބުކަމުން ވަކިކުރެއްވި އެވެ. އޭގެ ފަހުން އަނެއްކާވެސް ދިޔާނާއަށް ސާކުގެ ސެކްރެޓަރީ ޖެނެރަލްކަން ރައީސް ނަޝީދުގެ ސަރުކާރުގައިދެއްވި އެވެ. ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ސަރުކާރަށް ފާޑު ވިދާޅުވެ އެ މަގާމުން އޭނާ އަމިއްލަފުޅަށް އިސްތިއުފާދެއްވި އެވެ.