ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ މުވައްޒަފަކާ ޖިންސީ ގޯނާކުރި ކަން ނުވަތަ ނޫން ކަން ސާބިތުކޮށްދެވޭ ވަރަށް ހެކި ލިބިފައިނުވާ ކަމަށް އެޗްއާރުސީއެމުން ބުނެފި އެވެ.

އެޗުއާރުސީއެމުން އެ މައްސަލަ ބެލުމަށް ފަހު، ފަހުމީ ޖިންސީ ގޯނާ ކުރެއްވި ކަމަށް ބުނެ މައްސަލަ ހުށަހެޅުއްވި، ސިވިލް ސާވިސްގެ ސީނިއާ ރިސާޗް އޮފިސަރު ހ. މަޑިވަރު އާމިނަތު ޝަހުމާ ހަލީލަށް ފޮނުވި ޖަވާބުގެ ކޮޕީއެއް ވަނީ ސަން އޮންލައިނަށް ލިބިފަ އެވެ. އެ ލިޔުމުގައި އެޗުއާރުސީއެމުން ބުނެފައި ވަނީ އޭނާ އަށް ސިވިލް ސާވިސް ކޮމިޝަންގެ އޮފީސް ތެރޭގައި ފަހުމީ ޖިންސީ ގޯނާ ކުރި ކަން ސާބިތު ނުކުރެވޭ ކަމަށެވެ. އަދި ބުނެފައި ވަނީ އެ ކޮމިޝަނުން އެ މައްސަލަ ބެލި އިރު، އަދި ބަޔާންދިން ފަރާތްތަކުގެ މައުލޫމާތަށް ރިއާޔަތްކުރި އިރު އެކަން ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ.

އެކޮމިޝަންގެ ތެރޭގައި ޝަހުމާ އަށް ޖިންސީ ގޯނާ ކުރި ކަމަށް އޭނާ ބުނެފައިވީ ނަމަވެސް ފަހުމީ އެކަމަށް އިންކާރުކުރައްވާފައިވާ ކަމަށާއި އެކަން ހިނގި ކަމަށް ބުނާ ތަނުގައި އެވަގުތު ތިބި މުވައްޒަފުންނަށް އެފަދަ އެއްވެސް މަންޒަރެއް ފެނިފައި ނުވާ ކަމަށް އެ މުވައްޒަފުން ބުނެފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

ޝާހުމާގެ ފޯނަށް ފަހުމީ މައާފަށް އެދި މެސެޖެއް ފޮނުވާފައިވީ ނަމަވެސް މައާފަށް އެދިފައި ވަނީ ކޮން މައްސަލައެއްގައި ކަން އެނގެން ނެތް ކަމަށް އެކޮމިޝަނުން ޝަހުމާ އަށް ފޮނުވި ޖަވާބުގައި ބުނެފައިވެ އެވެ.

އެޗްއާރުސީއެމުން އެމައްސަލައިގައި ވަކި ގޮތެއް ނިންމާފައި ނުވިނަމަވެސް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅުމުން އެކޮމިޓީން ނިންމާފައި ވަނީ ފަހުމީ މަގާމުން ވަކިކުރުމަށެވެ. ނަމަވެސް އެކޮމިޓީން ފަހުމީ އަށް އިސްތިއުފާ ދެއްވުމަށް ދިން މުއްދަތުގައި ފަހުމީ މަގާމުން އިސްތިއުފާ ދެއްވާފައި ނުވާތީ ފަހުމީ މަގާމުން ދުރުކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ފަހުމީގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އެމައްސަލަ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.