19 Nov 2012, 17:55
ކުށްތަކުގެ ޝިކާރައަށްވާ ކުދިންނާއި އާއިލާތަކަށް ފަރުވާދީ އަނބުރާ މުޖުތަމައުއަށް ގެނައުމަށް، އަދުލު އިންސާފުގެ ނިޒާމް ހަރުދަނާ ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލުކުރުމަށް ޅަފުރާއިގެ ކުދިންބޭނުން ކުރަމުންދިއުމަކީ އެ ކޮމިޝަނުން ހަރުކަށިކޮށް ކުށްވެރިކުރާ ކަމެއް ކަމަށެވެ.
އަދި ގޭންގްތަކުގައި ކުދިން ބައިވެރި ކުރުވަމުންދާކަމީ މިއަދު ހަގީގަތެއް ކަމަށާއި އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ލިބޭ ގޮތަށް ގާނޫނުތައް ބައްޓަންކުރުމަކީ އެންމެ އިސްކަމެއްދޭންޖެހިފައިވާ ކަމެއް ކަމުގައި ދެކޭ ކަމަށް ވެސް އެޗްއާރުސީއެމްގެ ނޫސްބަޔާނުގައިވެ އެވެ. އެކޮމިޝަނުން އަދި ބުނީ އެފަދަ އަމަލުތަކުގެ ޝިކާރައަށްވާ ކުދިންނާއި އާއިލާތަކަށް އެކަށީގެންވާ ފަރުވާދީ އަނބުރާ މުޖުތަމައަށް ރުޖޫއަ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް އަދުލު އިންސާފުގެ ނިޒާމް ހަރުދަނާ ކުރުމަކީ ދައުލަތުގެ ވަރަށްބޮޑު ޒިންމާއެއް ކަމަށެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި އަދި ބުނީ ކުޑަކުދިންނަށް ދިމާވާ ނަފްސާނީ، ޖިސްމާނީ އަދި އިހުމާލުގެ މައްސަލަތަކަކީ މި މުޖުތަމައުގައި ވަރަށް އާންމުވެފައިވާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން ކުދިން ސްކޫލަށް ނުދާ މައްސަލަތަކާއި ކުއްޖާ އާންމު ދިރިއުޅުމުގައި މުޢަމަލާތުކުރާ ފަރާތްތަކާއި އުޅޭ ތަންތަން މައިބަފައިންނަށް ނޭނގުމާއި ގިނަ ވަގުތު މަސައްކަތުގައި ބެލެނިވެރިން ހޭދަކުރުމުގެ ސަބަބުން ކުއްޖާ އަށް ދޭން ޖެހޭ ސަމާލުކަން ކުޑަވުމަކީ ކުއްޖާ އަށް ނުރަނގަޅު ތަޖުރިބާތައް ކުރުމަށް މަގުފަހިވެގެންދާނެ ކަންކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.