19 Nov 2012, 17:51
ސައުދީ އަރަބިއްޔާ ސަރުކާރުން ދެއްވާ ހިލޭ އެހީގެ ދަށުން މި އަހަރު އަތޮޅުތަކުގައި ހަތް މިސްކިތެއް އިމާރާތް ކުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސައުދީ ސަރުކާރުގެ އެހީގެ ދަށުން މި އަހަރު މިސްކިތް ބިނާ ކުރަން ހަމަޖެހިފައި ވަނީ ށ. ފީވަކުގައި، ބިނާކުރާ 500 މީހުންގެ ޖާގައިގެ މިސްކިތަކާއި ލ. މާވަށުގައި ބިނާކުރާ 500 މީހުންގެ ޖާގައިގެ މިސްކިތަކާއި ހދ. ނޭކުރެންދޫގައި ބިނާކުރާ 500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން ނ. މާޅެންދޫގައި ބިނާކުރާ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.
އޭގެ އިތުރުން އެ މިނިސްޓްރީ އިން ބުނީ އިތުރު ތިން ރަށެއްގައި 300 މީހުންގެ ޖާގައިގެ ތިން މިސްކިތެއް އެޅުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެއީ ނ. ޅޮހީގައި ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތަކާއި ރ. އަނގޮޅިތީމުގައި ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން ރ. އިންނަމާދޫގައި ބިނާކުރަން ހަމަޖެހިފައިވާ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ސަން އަށް ވިދާޅުވީ އެއް މަސް ދުވަހުގެ ތެރޭގައި އެ ރަށްތައް ޓެންޑަށް ފޮނުވޭތޯ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޖުމްލަ 15 ރަށެއްގައި މިސްކިތް އިމާރާތް ކުރަން ހަމަޖެހިފައިވާ ކަމަށާއި އެ މިސްކިތްތައް އިމާރާތް ކުރުމަށް ބޭނުންވާނެ ފައިސާ ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ޝަހީމް ވިދާޅުވީ މިސްކިތް އިމާރާތް ކުރުމުގައި އިސްކަން ދީފައިވާ ވަނީ އާބާދީ ބޮޑެތި ރަށްރަށަށް އިސްކަން ދީގެން ކަމަށެވެ. އަދި އެއީ ސައުދީ ސަރުކާރާ އެކު ވެފައިވާ އެއްބަސް ވުމުގައި ވެސް އޮތްގޮތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސައުދީ ހިލޭ އެހީގެ ދަށުން 15 ރަށެއްގައި މިސްކިތް ބިނާކުރަން ހަމަޖެހިފައިވޭ. އެކަމަށް ބޭނުންވާނެ ފައިސާ ވެސް ފޮނުވާނެ ކަމުގެ ޔަގީންކަން ސައުދީ ސަރުކާރުން އޮތީ ދީފައި. ރަށްރަށައް އިސްކަން ދީފައި އެވަނީ އެއްބަސްވުމުގައި އޮތް ގޮތަށް އާބާދީ ބޮޑެތި ރަށްރަށަށް އިސްކަން ދީގެން،" ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު 10 ރަށެއްގައި ސަރުކާރުގެ "ޚާލިސް" ބަޖެޓުން ވެސް އިމާރާތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ދިވެހި ރާއްޖޭގައި މިސްކިތް ބިނާ ކުރުމަށް ސައޫދީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދެއްވާ 27 މިލިއަން ރުފިޔާގެ އެއްބަސްވުމުގައި މި މަހުގެ އެއްވަނަ ދުވަހު ސައުދީ ސަރުކާރާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވަނީ ސޮއި ކޮށްފަ އެވެ.