ހދ. ހޮނޑައިދޫގައި ބަނގުރާ ބޮއެ މަސްތުވާތަކެތި ބޭނުންކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި އެ ރަށުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކާއި ސިޔާސީ ބައެއް ފަރާތްތައް ހައްޔަރުކޮށް، އެ ރަށުން ބަނގުރާ ފެނުނު މައްސަލާގައި ޒިންމާވާން ޖެހޭނީ ޔޮޓް ޓުއާސް ކަމަށް އެގްރިކަލްޗާ މިނިސްޓްރީ އިން ބުނެފި އެވެ.

ސަން އޮންލައިނުން ކުރި ސުވާލަކަށް ޖަވާބުދެމުން އެ މިނިސްޓްރީގެ ނާއިބު އަލީ ސޯލިހު މިއަދު ވިދާޅުވީ ހދ. ހޮނޑައިދޫއަކީ ދަނޑުވެރިކަންކުރުމަށް 2003 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ޔޮޓް ޓްއާސް އަށް ދީފައިވާރަށެއް ކަމަށާއި އެގްރިމެންޓްގައިވާ ގޮތުން އެ ރަށުގައި ހިނގާކަންތައްތަކަށް ވެރިފަރާތުން ޒިންމާވާން ޖެހޭ ކަމަށެވެ.

"އެ އެއްބަސް ވުމުގައި ސޮއިކޮށްފައި ވަނީ ޖާބިރު، އެއެއްބަސްވުމުގައި އެބަބުނޭ އެ ރަށުގައި ވާކަންތައްތަކަށް ވެރިފަރާތުން ޒިންމާވާންޖެހޭ ކަމަށް. އެގޮތުން އެރަށް ނޫނަސް އެހެން ދީފައިވާ އެހެންރަށްރަށަށް ވެސް އެ ރަށަކަށް ކޮންމެ ބަޔަކަށް ވެސް އެރޭނީ ވެރިފަރާތުގެ ހުއްދަޔާ އެކު،" އަލީ ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅޭގޮތުން ގާނޫނީ ލަފައެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ހޮނޑައިދޫ އެގުރިމެންޓުގައި ބުނެފައިވާ ގޮތުގެ މަތިން ޔޮޓް ޓްއާސް އިން އަމަލުނުކުރާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ޔޮޓް ޓްއާސް އިން ބުނީ އަލީ ސޯލިހު ދައްކާފައި ވަނީ ދޮގު ވާހަކަތަކެއް ކަމަށާއި ހޮނޑައިދު އަށް އެރިބަޔަކަށް އެރީ ޖާބިރުގެ ހުއްދަޔާއެކުގައި ކަމަށް ބުނެފައިވީ ނަމަވެސް އެ ރަށަށް އެރިބަޔަކު އަރާފައި ވަނީ ޖާބިރުގެ ހުއްދަޔާލައިގެން ނޫން ކަމަށެވެ. އަދި އެގޮތަށް އަލީ ސޯލިހު ވާހަކަދައްކާފައި ވަނީ ވަކި ފަރުދެއްގެ ބޮލުގައި އެޅުވުމުގެ މަގުސަދުގައި ކަމަށް ޔޮޓް ޓްއާސް އިން ބުންޏެވެ.