19 Nov 2012, 17:34
އިންޑިއާގެ ކަނާތުފިޔައިގެ ހިންދޫންގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޝިވާ ސޭނާގެ އިސްލީޑަރު ބާލް ޓާކްރޭގެ ޖަނާޒާ އަށް ޓަކައި އެގައުމުގެ ވިޔަފާރީގެ މަރުކަޒީރަށް މުމްބާއީ މުޅިން ހުއްޓުމަކަށް ގެނައުމުން ސޯޝަލް މީޑިއާ "ފޭސްބުކް"ގައި އެކަމަށް ފާޑުކީ ޒުވާނަކު އިންޑިއާ ފުލުހުން ހައްޔަރުކޮށްފި އެވެ.
ޓައިމްސް އޮފް އިންޑިއާ ޓާކުރޭގެ ޖަނާޒާ އަށް މުޅި ސިޓީ ހުއްޓުމަކަށް ގެންނަން ޖެހޭތޯ ފޭސްބުކްގައި ކުރި ކޮމެންޓެއްގައި ސުވާލުކުރި އުމުރުން 21 އަހަރުގެ އަންހެން ކުއްޖާގެ އިތުރުން އޭނާގެ ކޮމެންޓަށް ލައިކެއް ދިން ކުއްޖާ ވެސް ފުލުހުން ހައްޔަރު ކުރި ކަމަށް އެ ނޫސް ބުންޏެވެ.
ޓާކްރޭގެ ޖަނާޒާ އަށް މުޅި ސިޓީ ހުއްޓުމަކަށް ގެނައި ގެނައުމަށް ފާޑުކިއި ކުއްޖާ ވަނީ އޭނާގެ ސްޓޭޓަސް ޑިލީޓްކޮށް މައާފަށް ވެސް އެދިފަ އެވެ. ނަމަވެސް ޓާކްރޭ އަށް ތާއީދުކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 2000 މީހުން އެއްވެ އަންހެން ކުއްޖާގެ ބޮޑުބޭބެގެ ލޮލުގެ ކުލިނިކް ވަނީ ސުންނާފަތިކޮށްފަ އެވެ.
ހައްޔަރުކުރި ކުއްޖާ ކުރި ކޮމެންޓަކީ "ޓާކްރޭ ކަހަލަ މީހުން ކޮންމެ ދުވަހަކު ވެސް އުފަންވޭ، އަދި މަރުވޭ، އެކަމަށް ޓަކައި ބަންދެއްވާކަށް ނުޖެހޭ،" ކަމަށް މުމްބާއި ފުލުހުންގެ އިންސްޕެކްޓަރެއް ކަމަށްވާ އުއްތަމް ސޮނެވާނޭ ބުނި ކަމަށް މުމްބައި މިރާ ނޫހާ ހަވާލާ ދީ ޓައިމްސް އޮފް އިންޑިއާ ބުންޏެވެ.
ކުރިން ލަފާކުރެވިފައިވީ ނަމަވެސް ބާލް ޓާކްރޭގެ ހަށިގަނޑު އަންދާލި ދުވަހު މުމްބާއީގައި ހަމަނުޖެހުންތަކެއް ހިނގާފައި ނުވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.