ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ޗައިނާގެ ސްޓޭންޑިން ކޮމިޓީ އޮފް ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީއެސްސީ)ގެ ވައިސް ޗެއާވުމަން ޗެން ޒިލީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މިބައްދަލުވުމުގައި ރާއްޖެ އާއި ޗައިނާއާ ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 40 އަހަރު ވެފައިވާކަން ފާހަގަކުރައްވައި އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީ އަށް ޓަކައި އެކި ދާއިރާތަކުން ޗައިނާ ސަރުކާރުން ވެދެމުން ގެންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައުލޫމާތު ހިއްސާ ކުރެއްވި އެވެ. ޗައިނާގެ ތަރައްގީ އަށް ޓަކައި ޗައިނާ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުން އެގައުމަށް އިތުރު އިގުތިސާދީ ތަރައްގީ ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޗައިނާގެ ސްޓޭންޑިން ކޮމިޓީ އޮފް ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ވައިސް ޗެއާވުމަން ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ތަރައްގީއަށް ޓަކައި ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސްއާ ހިއްސާ ކުރެއްވި އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރިމަތިވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް އެގައުމުން ވަރަށް މުހިންމު ކަމެއް ދެއްވާ ކަމުގައި ވިދާޅުވެ، ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ޗައިނާ އިން އަބަދުވެސް ވަރަށްބޮޑު ހިއްސާއެއް ވެދޭނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ސަރުކާރުން ޗައިނާ ސަރުކާރަށްދޭ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޓަކައި އެކަމަނާ ރައީސަށް ޝުކުރު އަދާކުރެއްވި އެވެ.

ޗައިނާގެ އެހީތެރިކަމުގައި ރާއްޖޭގައި ހިންގަމުންދާ އަދި ހިންގުމަށް ހަމަޖެހިފައިވާ އެކިއެކި މަޝްރޫއުތަކުގެ މައްޗަށް އެކަމަނާ އަލިއަޅުއްވާލައްވަމުން ޗައިނާ އިން ދެމުންގެންދާ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން ރައީސްއަށް ދެއްވި އެވެ.