ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރު ކުމަށް އާންމު ކޮމެޓީން ފޮނުވި ރިޕޯޓް ފާސް ކުރުމަށް ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ފަސް މެންބަރަކު ވޯޓް ދެއްވައިފި އެވެ.

އިތުބާރު ނެތްކަމުގެ ވޯޓް ސިއްރު ކުރުމަށް ޓަކައި ޖޫހޫރީ ޕާޓީގެ ހަތަރު މެންބަރަކު ވޯޓް ދެއްވި އެވެ. އެއީ އެ ޕާޓީގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ޖޫމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލް އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް ވޯޓް ދިނުމަށް ޖުމްހޫރީ ޕާޓީން ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ. ނަމަވެސް އެ ޕާޓީގެ ތްރީލައިން ވިޕާ ހިލާފަށް ވޯޓް ދެއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމާއި ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ އެވެ. އަބްދުﷲ އަބްދުއް ރަހީމް ވަކިކޮޅަކަށް ވޯޓް ނުދެއްވާ އިރު، އަހުމަދު މޫސާ ވޯޓް ދެއްވީ ވޯޓް ސިއްރު ކުރަން ނުފެންނަ ކަމަށެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް ނަގާ ވޯޓާ ދެކޮޅަށް ވޯޓް ދިނުމަށް ޑީއާރްޕީން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވޯޓް ދެއްވީ ތްރީލައިން ވިޕާ ހިލާފަށެވެ. އޭނާ ވޯޓް ދެއްވީ އިތުބާރު ނެތްކަމުގެ ވޯޓް ސިއްރު ކުރުމަށް ފެންނަ ކަމަށެވެ.

މިނިވަން މެންބަރުންގެ ތެރެއިން ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ވަކިކޮޅަކަށް ވޯޓު ދެއްވާފައިނުވާ އިރު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ވޯޓް ދެއްވީ އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރަން ނުފެންނަ ކަމަށެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް ހުށަހެޅި އިސްލާހު ބޭރުކޮށްލީ 39 މެންބަރުން ވޯޓް ދެއްވައިގެންނެވެ. އަދި އެ އިސްލާހު ފާސްކުރަން 34 މެންބަރުން ވޯޓް ދެއްވި އެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވައި ދެ މެންބަރަކު ތިއްބެވި އެވެ.

މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ (ހ) އަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ ގާނޫނު އަސާސީގައި ނުވަތަ ގަވާއިދުގައި ސިއްރު ވޯޓު ނެގުން ލާޒިމް ކުރާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި ނަގާނީ އާންމު ވޯޓެއް ކަމަށެވެ. ގަވާއިދުގެ 173 ވަނަ މާއްދާ އަށް އިތުރުކުރަން ހުށަހަޅާފައިވާ އަކުރުގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ޖެހޭ ހާލަތްތަކުގައި މަޖިލީހުގަ އާއި ކޮމެޓީތަކުގައި ނަގާނީ ސިއްރު ވޯޓް ކަމަށެވެ.

ގަވާއިދުގެ 177 ވަނަ މާއްދާ އަށް އިތުރުކުރަން ހުށަހަޅާ އަކުރުގައި ބުނަނީ ވަޒީރުންގެ މައްޗަށް މަޖިލީހުގައި ވޯޓް ނަގަން ޖެހިއްޖެ ހާލަތެއްގައި ނަގާނީ ސިއްރު ވޯޓް ކަމަށެވެ.