ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަދި ސަރުކާރުގެ ތަރުޖަމާންކަންވެސް ކުރައްވާ އައްބާސް އާދިލު ރިޒާ ޖުމްހޫރީ ޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.

އައްބާސް މިއަދު ސަން އޮންލައިންއަށް ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތީ އެ ޕާޓީގެ ނައިބު ލީޑަރަކަށް ހުންނެވި އަބްދުﷲ ޖާބިރު ދައްކަވަމުން ގެންދަވައި ވާހަކަތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ކަމަށާއި ޕާޓީގެ ލީޑަޝިޕުގެ ހުންނެވި ބޭފުޅަކު މިހާރު ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ އޭނާގެ ފިކުރެއް ނޫން ކަމަށެވެ. އަދި އެ ޕާޓީގެ މިސްރާބު މިހާރު ހުރި ދިމާލާ މެދު އޭނާ އެއްގޮތަކަށްވެސް ހިތްހަމަނުޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެ ވާހަކަތަކީ [އަބްދުﷲ ޖާބިރުގެ ވާހަކަތަކީ] އަޅުގަނޑު ގަބޫލުކުރާ ފިކުރެއް ނޫން. އެފަދަ ވާހަކަތައް އަޅުގަނޑަށް ގަބޫލުނުކުރެވޭތި މިވަކިވީ، އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ޓެކްސް ފައިސާ ނުދައްކާ، ފުލުހުންނާއި މީހުންގެ ބޮލުގައި ބަދުނާމު އަޅުވަމުންދާ މީހަކާއި އެއްކޮށް ހުރުމަކީ އަޅުގަނޑުގެ ފިކުރު ކަމަކަށް. އަޅުގަނޑު އެހެންވެ އަޅުގަނޑު ޕާޓީން ވަކިވުމުގެ ސިޓީ މި ފޮނުވީ،" އައްބާސް ވިދާޅުވި އެވެ.

ދެން ގުޅިވަޑައިގަންނަވާނީ ކޮން ޕާޓީއަކާތޯ ދެންނެވުމުން އައްބާސް ވިދާޅުވީ އޭނާ ދެމި ހުންނާނީ "ގައުމީ ހަރަކާތާ"އި އެކު ކަމަށެވެ.

ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށްވީ ނަމަވެސް ޖާބިރު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައިވެސް މި ސަރުކާރަކީ "ބާޣީ" ސަރުކާރެއް ކަމަށް ވިދާޅުވެ ވަނީ ވާހަކަ ދައްކައިވައިފަ އެވެ. އަދި މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރުމުގެ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ މެންބަރުން ވޯޓު ދެއްވީ އެ ވޯޓުތައް ސިއްރުކުރަން ފެންނަ ކަމަށެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ނައިބު ލީޑަރު އަބްދުﷲ ޖާބިރާއި އަލްހާން ފަހުމީ އަދި ހަސަން އާދިލް ވޯޓު ދެއްވީ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން ފެންނަ ކަމަށެވެ. އެ ޕާޓީއަށް ނިސްބަތްވާ އަބްދުﷲ އަބްދުއްރަހީމް އެއްވެސް ކޮޅަކަށް ވޯޓުދެއްވާފައެއްނުވެ އެވެ.