މެންބަރުން ހައްޔަރުކުރުމުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން އަމަލުކުރަން ޖެހޭނެ ގޮތް ބަޔާންކޮށްފައިވާ ބައެއް މާއްދާތައް ބާތިލްކުރަން ސަރުކާރުން މިއަދު ސުޕްރީމް ކޯޓަށް މައްސަލަ ވައްދައިފި އެވެ.

އެ މައްސަލަ ސަރުކާރުން ކޯޓަށް ވެއްދީ ދާދި ފަހުން މަޖިލީހުގެ ދެ މެންބަރަކު ހައްޔަރުކުރުމާ ގުޅިގެން އެކަން މިވަގުތަށް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފުލުހުންނަށް އެންގުމާ ގުޅިގެން އެކަމުގައި ގާނޫނީ ބޮޑަތި ސުވާލުތަކެއް އުފެދުމާ އެކު އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ޑެޕިއުޓީ ސޮލިސްޓާ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސަރުކާރުން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާނީ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ) އަކީ ކުށުގެ ވެށިން މެންބަރުން ހައްޔަރުކުރެވޭ އިރު އަމަލުކުރަން ނުޖެހޭ މާއްދާއެއް ކަމަށާއި އަދި އެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އަކީ، ޖިނާއީ މައްސަލަތަކުގައި ހައްޔަރުކުރެވޭ އިރު އަދި ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ރ)ގެ ދަށުން ބަންދާ މެދު ފަނޑިޔާރަކު ގޮތެއް ނިންމެވުމުގައި ޢަމަލުކުރައްވަން ޖެހޭ މާއްދާއެއް ނޫން ކަމަށް ކަޑައަޅައިދިނުމަށް ކަމަށެވެ. އަދި އެ ގަވާއިދުގެ 204 ވަނަ މާއްދާގެ (ނ) އަކީ، ގާނޫނު އަސާސީގެ 45 ވަނަ މާއްދާ އާއި 46 ވަނަ މާއްދާ އާއި 48 ވަނަ މާއްދާ އާއި އަދި ފުލުހުންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) އާ ޚިލާފު މާއްދާއެއް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެދިފައިވާނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ)ގައިވާ ގޮތުގެ މަތިން މަޖިލީހުގައި އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދާފައިވާ ދަނޑިވަޅެއްގައި މަޖިލީހުގެ އެއްވެސް މެންބަރަކު ހައްޔަރެއް ނުކުރެވޭނެ އެވެ. ސަރުކާރުން މިއަދު ކޯޓަށް ހުށަހެޅި އަނެއް މާއްދާ ކަމަށްވާ 204 ވަނަ މާއްދާގެ (ނ)ގެ ދަށުން މެންބަރަކު ހައްޔަރުކުރުމާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން އެކުލަވާލާ ރިޕޯޓްގައި މެންބަރަކު ހައްޔަރުކޮށްފައި ވަނީ އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށް ބުނެފި ނަމަ އެ މެންބަރަކު ދޫކޮށްލުމަށް މަޖިލީހުގެ ރައީސް މެންބަރަކު ހައްޔަރުކޮށްފައިވާ އިދާރާއަކަށް އަންގަން ޖެހެ އެވެ.