19 Nov 2012, 13:53
ހދ. ހޮނޑައިދޫގައި ބަނގުރާ ބޮއި މަސްތުވާތަކެތި ބޭނުންކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި އެ ރަށުން މަޖިލީހުގެ ދެ މެންބަރަކާއި ސިޔާސީ ބައެއް ފަރާތްތައް އަދި އާންމުންތަކެއް ހައްޔަރު ކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ފުލުހުން އާންމުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ފަތިހު ފުލުހުން އެ ރަށަށް އަރައި ހައްޔަރުކޮށްފައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި އިބްރާހިމް ހުސެން ޒަކީގެ އިތުރުން ރައީސް ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު އެވެ. އަދި ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް ހުސެއިން ޒަކީގެ ފިރިހެން ދަރިކަލުން ގ. ހިލިހިލާގެ ހަމްދާން ޒަކީ އާއި ސ. ހުޅުދޫ ރީފްސައިޑް ޖާދުﷲ ޖަމީލްގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރު ކުރުމަށް ފަހު ދެން ތިބި އެންމެން ވަނީ ދޫކޮށްލާފަ އެވެ.
ހޮޑައިނދޫ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕަބްލިކްއެފެއާޒް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް ހަސަން ހަނީފް ވިދާޅުވީ އެ ރަށަށް އެރި އިރު އެ ރަށުގައި ތިބީ ކޮންބައެއްކަން ފުލުހުންނަށް ނޭނގޭ ކަމަށެވެ. އަދި އެ ރަށަށް ބައެއް ފުލުހުން އެރީ މޫދުން ކަމަށާއި ހުރިހާ އެންމެން ވެސް ހައްޔަރު ކޮށްފައި ވަނީ ކުށުގެ ވެށިން ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ.
ހަނީފް ވިދާޅުވީ އެ ރަށުން މީހުން ހައްޔަރުކުރި އިރު އެއްވެސް މީހަކަށް ޖިސްމާނީ ގޮތުން އަނިޔާ ކޮށްފައިނުވާނެ ކަމަށާއި ހައްޔަރުކުރަން އުޅުމުން ގަދަހަދައިގެން ލިބޭ އަނިޔާއެއްގެ ޒިންމާ އުފުލަން ޖެހޭނީ އެމީހަކު އަމިއްލަ އަށް ކަމަށެވެ.
އެ މައްސަލައަގައި ހައްޔަރުކުރި ބައެއް މީހުން ފުލުހުންނަށް ކުޑަކަމުދާ ތަކެތި ދޭން ދެކޮޅު ހަދާފައިވާ އިރު، ބަނގުރަލުގެ އެ މައްސަލައިގައި އެ ރަށުން ހައްޔަރު ކުރި ބިދޭސީންގާތު ވެސް ފުލުހުންނަށް ޔޫރިން ނުދޭން އެބޭފުޅުން އެންގި ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ.
ފުލުހުން މިއަދު އާންމު ކުރި ދިހަ މިނެޓްގެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ރަށަށް ފުލުހުން އަރައި މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ ޖާބިރާއި ހާމިދުގެ އިތުރުން ޒުހެއިރާއި ޒަކީ އާއި ބިދޭސީންތަކެއް ހައްޔަރުކުރާ މަންޒަރު ފެނެ އެވެ.
އަދި އެ ރަށު ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއި ބަނގުރާ އަޅާފައި ހުރި ހުސްތަށިތަކެއްގެ އިތުރުން މަސްތުވާތަކެތި ވެސް ފެނެ އެވެ. ފުލުހުން އާންމު ކުރި ވީޑިއޯގައި ފެންނަ ބަނގުރަލުގެ ލިސްޓުގައި ތަފާތު ބްރޭންޑްތަކުގެ ބަނގުރާ ފުޅިތަކުގެ އިތުރުން ބިޔަރު ދަޅު ކޭހެއް ވެސް ލިސްޓްގައި ޖަހާފައިވެ އެވެ. ފުލުހުން އެ ރަށަށް އަރައި ގިނައިރުތަކެއް ވަންދެން އެބޭފުޅުންގެ އަތުގައި ބިޑިއަޅުވާފައި ހުރި ކަމަށް ތުހުމަތު ކުރި ނަމަވެސް ކުޅުދުއްފުށްޓަށް އެބޭފުޅުން ލޯންޗުގައި ގެންދާ އިރު ބިޑިއަޅުވާފައި ހުރި ތަނެއް ނުފެނެ އެވެ.
ލިޔުމާ ގުޅޭ ވީޑިއޯ
http://www.youtube.com/watch?v=NKQc6JzgUMA