ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރަން ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒު ހުށަހެޅުއްވި އިސްލާހު ދިސާރާ ކުރެއްވުމަށް ފަހު، އާންމު ކޮމެޓީން ފޮނުވި ރިޕޯޓް ފާސް ކުރުމާ މެދު ވޯޓަށް އެހުމުން މިއަދުގެ ޖަލްސާ އަށް ހާޒިރުވި 75 މެންބަރުންގެ ތެރެއިން 39 މެންބަރުން ވޯޓް ދެއްވީ އެ ރިޕޯޓް ފާސް ކުރަން ނުފެންނަ ކަމަށެވެ. އަދި ރިޕޯޓް ފާސް ކުރަން ފެންނަ ކަމަށް 34 މެންބަރުން ވޯޓް ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވާ ދެ މެންބަރަކު އިންނެވި އެވެ.

މަޖިލީހުގެ ގަވާއިދުގެ ތިން މާއްދާ އަކަށް ޝިފާޒު ހުށަހެޅުއްވާފައިވާ އިސްލާހު ފާސްކުރަން ފެންނަ ކަމަށް އާންމު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ (ހ)އަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ ގާނޫނު އަސާސީގައި ނުވަތަ ގަވާއިދުގައި ސިއްރު ވޯޓު ނެގުން ލާޒިމް ކުރާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި ނަގާނީ އާންމު ވޯޓެވެ. ގަވާއިދުގެ 173 ވަނަ މާއްދާ އަށް އިތުރުކޮށްފައިވާ އަކުރުގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާއާއި ނައިބުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ޖެހޭ ހާލަތްތަކުގައި މަޖިލީހުގަ އާއި ކޮމެޓީތަކުގައި ނަގާނީ ސިއްރު ވޯޓް ކަމަށެވެ.

ގަވާއިދުގެ 177 ވަނަ އަށް އިތުރު ކުރަން ހުށަހެޅި އަކުރުގައި ބުނަނީ ވަޒީރުންގެ މައްޗަށް މަޖިލީހުގައި ވޯޓް ނަގަން ޖެހިއްޖެ ހާލަތެއްގައި ނަގާނީ ސިއްރު ވޯޓް ކަމަށެވެ.

އާންމު ކޮމެޓީން ފޮނުވި ރިޕޯޓް އެ ކޮމެޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް މަޖިލީހަށް އިއްވުމަށް ފަހު އެއާމެދު މެންބަރުން ބަހުސްކޮށްފައިވެ އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް އިސްލާހު ހުށަހެޅުއްވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޝިފާޒު ވިދާޅުވީ އެ އިސްލާހަކީ "އެންމެ ރަނގަޅު ގޮތް" ކަމުގައި ނުވެދާނެ ކަމަށެވެ. އެހެންނަމަވެސް "މިވަގުތަށް، މިގައުމަށް، ކުރިމަގަށް" އޮތް ރަނގަޅު ގޮތަކީ އެއީ ކަމުގައި ގަބޫލުފުޅު ކުރައްވާ ކަމަށް ޝިފާޒު ވިދާޅުވި އެވެ.