19 Nov 2012, 13:02
ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓް ދިނުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ފޯނުން ގުޅުއްވި ކަމަށް އާޒިމް ވިދާޅުވި ވާހަކަ ސަރުކާރުން ދޮގުކުރައްވައިފި އެވެ.
ކެބިނެޓް ސެކްރެޓަރީ ޑރ. އަބްދުﷲ ނަޒީރު ސަން މީޑިއާ ގްރޫޕަށް މިއަދު ފޮނުއްވި ޓެކްސްޓް މެސެޖެއްގައި ވިދާޅުވީ މަޖިލީހުގެ ވޯޓާ ގުޅިގެން އަލީ އާޒިމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނުގުޅުއްވާ ކަމަށެވެ.
އަދި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ ވެސް ވިދާޅުވީ އާޒިމާ އޭނާ އަކީ ދުވަހަކު ވެސް ފޯނުން ވާހަކަ ދައްކަވައި ހައްދަވާ ބޭފުޅެއް ނޫން ކަމަށާއި ރައީސް ވަޙީދު ގުޅުއްވި ކަމަށް ވިދާޅުވާ ވާހަކައަކީ ވެސް ހަގީގަތާ ހިލާފަށް ދެއްކެވި ދޮގު ވާހަކައެއް ކަމަށެވެ. އަދި ރައީސް ވަހީދުއޭ ކިޔުއްވައިގެން މީގެ ކުރިން ވެސް އެފަދަ ވާހަކަތަކެއް އާޒިމް ދައްކަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އަލީ އާޒިމަށް ގުޅުއްވަފާނެ ކަމަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. އެކަން އެގޮތަށް ނުކުރައްވާނެ އެއީ ޕްރޮޓަކޯލްއާ ހިލާފަށް އެއްވެސް ކަމެއް ރައީސް ނުކުރައްވާނެ. ރޭގައި ވެސް އެފަދަ މުއާމަލާތްތަކެއް ހިނގާފައެއް ނުވާނެ. އަލީ އާޒިމްގެ ޝަރީއަތުގައި އޮތް މައްސަލައަކީ ވޯޓާ ގުޅުން ހުރި މައްސަަލައެއް ނޫން. އެއީ ދިވެހި ރައްޔިތުންގެ އެތައް ބައިވަރު ރުފިޔާއެއްގެ މައްސަލައެއް. މުސްތޮފާގެ ގޮނޑި ގެއްލުނިއްޔާ އާޒިމްގެ ގޮނޑި ވެސް އޮވެގެން ނުވާނެ،" އައްބާސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އޭނާ އަށް ރައީސް ވަހީދާއި އެމަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގުގެ އިތުރުން ރައީސް އޮފީހުގެ ސްޕޯކް ޕާސަން އައްބާސް އާދިލް ރިޒާ ގުޅުއްވި ކަމަށެވެ.
"ފުރަމަ ހިތަށް އެރި ރަނގަޅަށް ބާވައޭ މިބޭފުޅުން ގުޅައިގެން ވާހަކަފުޅު މި ދައްކަވަނީ. ރައީސް ވަހީދު ގުޅުއްވާފައިފައި ވިދާޅުވި މިއަދުގެ ޗިޓް ކެންސަލްކޮށްލަދީފާނަމޭ، މިއަދުގެ ވޯޓް މިވެނި ގޮތަކަށް ލައިދޭށޭ. އަޅުގަނޑު އަމަލު ކުރަންވީ އެގޮތަށްތޯ،" އާޒިމް ވިދާޅުވި އެވެ.
ރައީސް ވަހީދުގެ އިތުބާރުގެ މައްސަލައާ ގުޅިގެން މަޖިލީހުގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓް ސިއްރު ކުރުމާ ބެހޭ ގޮތުން މިއަދު ނެގުމަށް ހަމަޖެހިފައިވާ ވޯޓާ ބެހޭ ގޮތުން އައްބާސް ވިދާޅުވީ އެވޯޓް ސިއްރު ކުރުމަކީ މާބޮޑު ކަމެއް ނޫން ކަމަށާއި ރާއްޖޭގައި ނަގާ ވޯޓަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ގެއްލުނީ ނޫން ކަމަށެވެ.
"އަޅުގަނޑު ކުރިން ވެސް މީޑިއާގައި ބުނެފައި އޮންނާނެ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހުގެ 52 ވޯޓް ބޭނުންވޭ. އެއަދަދަށް ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ވޯޓް ނެގުމަކީ ނާދިރު ކަމެއް." އައްބާސް ވިދާޅުވި އެވެ.
އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒުގެ ސާބިތު ދަރަނީގެ މައްސަލައެއްގައި މިއަދު 1:30ގައި ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ.