ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ކޫއްޑޫގައި އަޅަން ހަމަޖައްސާފައިވާ މަސްދަޅު ބަންދުކުރާ "ކޭނިން ފެކްޓްރީ" އައްޑޫއަށް ބަދަލު ކުރަން ނިންމާފައިވާ ވާތީ އެކަމާ ދެކޮޅަށް އެކުންފުނީގެ މުވައްޒަފުން އިހްތިޖާޖު ކުރަންފަށައިފި އެވެ.

މަސްދަޅު ބަންދުކުރާ ފެކްޓްރީއެއް ކޫއްޑޫގައި އަޅަން ނިންމައި އެކަމުގެ މަސައްކަތްތަށް ކޮށްފައިވަނިކޮށް އެހެންތަނަކަށް އެ ފެކްޓްރީ ބަދަލު ކުރަން ނިންމާފައި ވާތީ އެކަމާ ދެކޮޅަށް މިއަދު ކުއްޑޫގައި ކުރަމުންދާ އެ އިހްތިޖާޖުތަކާ ގުޅިގެން ކުންފުނީގެ ބޮޑެތި މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ.

ކުއްޑޫން ފިޝަރީޒުން ވާހަކަ ދެއްކި އިސް އޮފިޝަލަކު ވެސް ވިދާޅުވީ މުވައްޒަފުންގެ ހަޅުތާލާ ގުޅިގެން ކުއްޑޫ ފިޝަރީޒްގެ ބައެއް މަސައްކަތްތައް މިއަދު ހުއްޓިފައިވާ ކަމަށެވެ.

އިހުތިޖާޖު ކުރަމުން އަންނަ ކޫއްޑޫ ފިޝަރީޒްގެ މުވައްޒަފަކު މިއަދު ބުނީ އިހްތިޖާޖު ކުރަމުންދަނީ ކުއްޑޫގައި އަޅަން ނިންމާފައިވާ ފެކްޓްރީ އައްޑު އަށް ބަދަލު ކުރުމަކީ ބޮޑެތި ހަރުތަކެއް ހިނގާނެ ކަމަކަށް ވެފައި އެކަން އެގޮތައް ކުރުމަށް ވުރެ ފައިދާ ހުރި ގޮތަކީ ކުއްޑޫގައި އެ ފެކްޓްރީ ގާއިމު ކުރުން ކަމަށް ވާތީ ކަމަށެވެ.

"އަޅުގަނޑުމެން އޭގެ ސަބަބުން ގެއްލުންތައް ވެގެންދާނެ. އަނެއްކޮޅުން އެ ފެކްޓްރީ އެހެން ތަނެއްގައި އަޅާ ނަމަ އެތަނުގައި ބަނދަރެއް ހަދާ އެތައް މަސައްކަތެއް ކުރަން އެބަޖޭހޭ. އެހެން ނަމަވެސް މިތަނުގައި [ކޫއްޑޫގައި] ފެކްޓްރީ އަޅާ ކަމަށްވާ ނަމަ އިތުރު މާބޮޑު ކަންތައްތަކެއް ކުރާކަށް ނުޖެހޭނެ،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ދުވާލަކު 40 ޓަނުގެ މަސް ބަންދުކުރެވޭ ދަޅު މަސް ފެކްޓްރީ އައްޑޫ ސިޓީ ހިތަދު އަށް ބަދަލު ކުރުމަށް ނިންމުމާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންގެ އިތުރުން ގއ. އަތޮޅު ހުރިހާ ރަށްތަކުން ވެސް އެކަމާ ދެކޮޅު ހަދަމުންދާ ކަމަށެވެ.