19 Nov 2012, 12:40
ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް މަޖިލީހުގެ ގަވާއިދަށް ހުށަހަޅާ އިސްލާހު ފާސް ކުރުމާ މެދު މިއަދު މަޖިލީހުގައި ވަކިގޮތަކަށް ވޯޓް ދެއްވާނެ ކަމަށް އެބަސްވެވަޑައިގެންފި ނަމަ ކޯޓަށް ހާޒިރުވުމުގެ ޗިޓް ކެންސަލް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު ވަހީދު ވިދާޅުވި ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސާބިތު ދަރަނީގެ މައްސަލައެއްގައި މިއަދު 1:30ގައި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު އާއި އާޒިމް ހާޒިރު ކުރުމަށް ޗިޓް ފޮނުވި އިރު، ހަމަ އެ ގަޑީގައި މަޖިލީހުގައި މުހިއްމު ވޯޓެއް ނެގުމަށް ވަނީ އެޖެންޑާކޮށްފަ އެވެ. އެެއީ އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް ޓަކައި މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހާ ފާސް ކުރުމާ މެދު ގޮތެއް ނިންމާ ވޯޓެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ މިއަދު ނަގާ ވޯޓާ ގުޅިގެން ރައީސް ވަހީދާއި އެމަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގުގެ އިތުރުން ރައީސް އޮފީހުގެ ސްޕޯކް ޕާސަން އައްބާސް އާދިލް ރިޒާ ގުޅުއްވި ކަމަށެވެ.
"ފުރަމަ ހިތަށް އެރި ރަނގަޅަށް ބާވައޭ މިބޭފުޅުން ގުޅައިގެން ވާހަކަފުޅު މި ދައްކަވަނީ. ރައީސް ވަހީދު ގުޅުއްވާފައިފައި ވިދާޅުވި މިއަދުގެ ޗިޓް ކެންސަލްކޮށްލަދީފާނަމޭ، މިއަދުގެ ވޯޓް މިވެނި ގޮތަކަށް ލައިދޭށޭ. އަޅުގަނޑު އަމަލު ކުރަންވީ އެގޮތަށްތޯ،" އާޒިމް ވިދާޅުވި އެވެ.
މިއަދު ނަގާ ވޯޓަށް ނުފޫޒު ފޯރުވުމަށް ރައީސް ގުޅުއްވުމުން އެކަމާ ހަރައިވެވަޑައިނުގަންނަވާ ކަމަށާއި ރައީސް ގުޅުއްވާނެކަން ޔަގީން ކުރައްވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ މީގެ ކުރިން އެފަދަ ކަންތައްތަކުގައި ރައީސް ގުޅުއްވާފައިވާ ކަމަށެވެ. އެގޮތުން އެފްއޭއެމްގެ އިންތިހާބާ ގުޅިގެން ވެސް ރައީސް ވަހީދު ގުޅުއްވި ކަމަށް އާޒިމް ވިދާޅުވި އެވެ.
ނާޝިޒް އާއި އަލީ އާޒިމްގެ މައްޗަށް ތުހުމަތު ކުރާ ސާބިތު ދަރަނީގެ މައްސަލައަކީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަށް ފައިސާ ނުދައްކާ މައްސަލަ އެވެ.
މަޖިލީހުގައި ސިއްރު ވޯޓް ނެގުމަށް ޓަކައި ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒު މަޖިލީހުގެ ގަވާއިދުގެ ތިން މާއްދާއަކަށް އިސްލާހު ހުށަހަޅުއްވާފައިވެ އެވެ.
ގަވާއިދުގެ 167 ވަނަ މާއްދާގެ (ހ)އަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ ގާނޫނު އަސާސީގައި ނުވަތަ ގަވާއިދުގައި ސިއްރު ވޯޓު ނެގުން ލާޒިމް ކުރާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި ނަގާނީ އާންމު ވޯޓެވެ. ގަވާއިދުގެ 173 ވަނަ މާއްދާ އަށް އިތުރުކޮށްފައިވާ އަކުރުގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާއާއި ނައިބުގެ މައްޗަށް މަޖިލީހުގަ އާއި ކޮމެޓީތަކުގައި ނަގަން ވާނީ ސިއްރުވޯޓް ކަމަށެވެ. އަދި ގަވާއިދުގެ 177 ވަނަ މާއްދާ އަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ ވަޒީރުންގެ މައްޗަށް މަޖިލީހުގައި އަދި ކޯމެޓީތަކުގައި ނަގަން ޖެހޭނީ ސިއްރު ވޯޓް ކަމަށެވެ.