19 Nov 2012, 11:55
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމަށް މި މަހުގެ 26 ވަނަ ދުވަހަށް އެޖެންޑާކޮށް އެކަން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް މިއަދު އަންގަވައިފި އެވެ.
މަޖިލީހުގެ ރައީސް ސޮއިކުރައްވައި ފިނޭންސް މިނިސްޓަރަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ 179 ވަނަ މާއްދާގެ، "ހ"ގެ ދަށުން ކޮންމެ އަހަރަކަށް ވެސް ލަފާކުރާ ދައުލަތުގެ ބަޖެޓް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށާއި އެހެން ކަމުން މަޖިލީހަށް ބަޖެޓް ހުށަހެޅުމަށް މި މަހުގެ 26 ވަނަ ދުވަހަށް މިހާރު އެޖެންޑާކުރެވިފައިވާ ކަމަށެވެ. އަދި ބަޖެޓާ ގުޅޭ ގޮތުން ފޮނުވަން ޖެހޭ ތަފްސީލްތައް އަންނަ އާދިއްތަ ދުވަހުގެ ކުރިން މަޖިލީހަށް ފޮނުއްވުމަށް ވެސް ޝާހިދު ވަނީ ފިނޭންސް މިނިސްޓްރީގައި އެދިފަ އެވެ.
ގަވާއިދުގައިވާ ގޮތުގެ މަތިން ބަޖެޓް މަޖިލީހަށް ހުށަހަޅާ ދުވަހުން ފެށިގެން ބަހުސް ފެށުމާއި ދެމެދު ހަތް ދުވަހުގެ މުއްދަތެއް މަޖިލީހަށް ދޭންޖެހެ އެވެ. އެ ހަތް ދުވަސް ހަމަވެ މަޖިލީހުގައި ބަޖެޓާ ގުޅޭ ބަހުސް ފެށުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު ތިން ވަނަ ދުވަހު ކަމަށް ވެސް ޝާހިދު މިނިސްޓަރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ސައްބީސް ވަނަ ދުވަހުގެ ޖަލްސާ އަށް ފިނޭންސް މިނިސްޓަރު ހާޒިރުވެ ވަޑައިގަތް މަޖިލީހުގެ ތަޅުމަށް ބަޖެޓްގެ ހުލާސާ ބަޔާނެއްދެއްވާނެ އެވެ. އެ ބަޔާނުގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު ބަޔާން ކުރާނެ އެވެ.
މަޖިލީހުގެ ބަޖެޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެފައި ވަނީ މި އަހަރުގެ ބަޖެޓަށް ވުރެ އަންނަ އަހަރުގެ ބަޖެޓް ބޮޑުނުކުރެވޭނެ ކަމަށާއި މި އަހަރަށް ވުރެ އަންނަ އަހަރު ދައުލަތުގެ އާމްދަނީ ވެސް ވަކި އިތުރުވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. އަދި ބަޖެޓާ އެކު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ހުށަހަޅާފައިވާ އިސްލާހުތައް މަޖިލީހަށް ފޮނުވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެ އިސްލާހުތަކުގެ ތެރޭގައި ރިސޯޓްތަކަށް މާރުކުރެވޭ ޑޮލަރުގެ އަދަދު ހަނިކުރުމާއި އިމްޕޯޓް ޑިއުޓީ އިއާދަކުރުން އަދި ޓޫރިޒަމް ޓެކްސްތައް ބޮޑުކުރުން ހިމެނެ އެވެ.