ފުވައްމުލަކު ގޭގެއިން ގޭސްފުޅިތައް ވަގަށް ނަގައި ފުޅީގެ ބޭރުގައި ދަވާދުލައި ކުލަ ބަދަލުކޮށްގެން އެއިން ވިޔަފާރި ކުރަމުން ދިޔަކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 70 އަހަރުގެ މީހަކު ކަމަށެވެ.

ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ 7:15 އެހާކަންހާއިރު ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގޭސްފުޅިއެއް ވިއްކަމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުއްޖާ އެރަށުގެ އެކި ގޭގެއިން ގޭސްފުޅިތައް ވަގަށް ނަގައި 70 އަހަރުގެ މީހާއަށް ވިއްކުމުން އޭނާ އެތަކެތީގެ ކުލަ ބަދަލުކޮށްގެން އެކިތަންތަނަށް ގޭސްފުޅިތައް ވިއްކާފައިވާ ކަމަށެވެ. އަދި 70 އަހަރުގެ މީހާގެ ގެ ބަލައި ފާސްކުރިއިރު އެގޭގެ ތިން ކޮޓަރިއެއްގެ ފާޚާނާ ތެރެއިން 28 ގޭސް ފުޅި ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އެއްކޮށް ދަވާދުލާފައި ހުރި ފުޅިތަކާއި އެއްބަޔަށް ކުލަލާފައި ހުރި ފުޅިތައް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.