19 Sep 2010, 15:11
ފުވައްމުލަކު ގެއްމިސްކިތް ސަރަހައްދުން އެމްވީކޭއަށް ބިން ދިނުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ހަސަން ވިދާޅުވެއްޖެ އެވެ.
އެމްވީކޭއަށް ބިން ދިނުމަށް ރަށު އޮފީހުން ކުރަމުންދާ މަސައްކަތް ކުށްވެރި ކުރައްވައި އޭނާ ވިދާޅުވީ، ފުވައްމުލަކުގެ ލޭންޑްޔޫސް ޕްލޭންގައި ވާގޮތުން އެ ސަރަހައްދަކީ ރައްޔިތުންނަށް ގޯތި ދިނުމަށް އޮންނަ ސަރަހައްދެއް ކަމަށެވެ. އަދި ވިޔަފާރީގެ ކަންތައްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ބިމާ ބެހޭ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވައިދުގައި ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، އެ އުސޫލުތަކަށް ބަލާއިރު، މިހާރު އެމްވީކޭއަށް ދޭން ނިންމައިފައިވާ ބިމާއެކު އެ ކުންފުންޏަށް ފުވައްމުލަކުން ދިނުމަށް ހަމަޖައްސާފައިވާ ބިމަށް ބައި މިލިޔަނަށްވުރެ ގިނަ ރުފިޔާ ރަށު ރައްޔިތުންނަށް ލިބެންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމް ހަވާލުކުރުމަށް ފަހު އެމްވީކޭ އަށް އެ ސަރަހައްދުން ފަޅުރަށެއް ދީފައި އަދި ދެބިން ދޭން ނިންމި ސަބަބާމެދު ރައްޔިތުން ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ގެއްމިސްކިތް ސަރަހައްދުން ދިނުމަށް ހަމަޖައްސާފައިވާ ބިމަކީ ހިލޭސާބަހަށް، އެއްވެސް ކުއްޔެއް ނެތި ކުއްލިއަކަށް ދިނުމަށް ނިންމާފައިވާ ބިމެއް ކަމަށާއި އެކަމާ މެދު ރައްޔިތުން ކަންބޮޑުވާ ކަމަށް ވެސް އެ ސަރަހައްދަށް ނިސްބަތްވެވަޑައިގަންނަވާ މުޙަންމަދު ރަފީޤް ހަސަން ވިދާޅުވި އެވެ.