11 Mar 2010, 15:44
19:00
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ދުނިޔެއަށް އަންނަ ލޮޅުންތަކުން އިޢާދަވެވޭ ޞިނާޢަތެއް ކަމަށާއި، މިކަމުގައި އިންވެސްޓްކޮށްގެން ނުހަނު ބޮޑު ފައިދާތަކެއް ހޯދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން އިންތިޒާމްކޮށްގެން ޖަރުމަނުވިލާތުގެ ބާލިންގައި ރޭ ބޭއްވެވި ދިވެހި ހަވީރުގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާ މިހާ ކުރިއަރާފައިވަނީ އާންމު ފަރާތްތަކުގެ މިންނެތް މަސައްކަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރީގެ ކަންކަމުގައި ސަރުކާރުގެ ދައުރު ކުޑަކޮށްގެން އާންމު ވިޔަފާރީގެ ދައުރު ފުޅާކުރުން ކަމުގައި ވިދާޅުވި އެވެ. އަދި ސަރުކާރުގެ ދައުރަކަށް ވާންވާނީ މަގުދައްކައިދޭ ރެގިއުލޭޓަރެއްގެ ދައުރުކަން ރައީސް ނަޝީދު ވިދާޅުވި އެވެ.
ބާލިންގައި ރޭ ބޭއްވި ދިވެހި ހަވީރުގައި ނޭޝަނަލް ޖޯގްރަފިކް ޗެނެލާ ގުޅިގެން އުފައްދާ ރާއްޖޭގެ އާ އިސްތިހާރު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި ހަވީރުގައި، ފަތުރުވެރިކަމުގެ ދާއިރާގައި އުޅުއްވާ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާއި ޓުއަރ އޮޕަރޭޓަރުންނާއި، މި ޞިނާޢަތުގައި ހަރަކާތްތެރިވާ ޔޫރަޕްގެ ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.