މިހާރު ކުރިއަށްދާ ފަސް ވަނަ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގައި އިއްޔެ ކުޅުނު ދެ މެޗު ގެމަނަފުށީ ސްޕޯޓްސް ކްލަބާއި އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބުން ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި ވިލިނގިލީ ޒުވާނުންގެ ޖަމިއްޔާ އަތުން ޕޮލިސް ކުލަބް އިއްޔެ ހަވީރު ކުޅުނު މެޗުން މޮޅުވީ ތިން ސެޓް ދެ ސެޓުން ނެވެ.

މެޗުގެ ސެޓްތައް ދެޓީމުން ގެންގޮސްފައިވާ ގޮތައް ބަލާއިރު، މެޗުގެ ފުރަތަމަ ސެޓް 25-9 އިން ކާމިޔާބު ކުރީ ޕޮލިސް ކުލަބެވެ. ދެ ވަނަ ސެޓް 25-22 އިން ވިލިގިލި ޓީމުން ކާމިޔާބު ކުރިއިރު، ތިން ވަނަ ސެޓް 29-25 އިން ކާމިޔާބު ކުރީވެސް ވިލިގިލި ޓީމެވެ. އެހެން ނަމަވެސް ފަހު ދެސެޓް ޕޮލިހުން ކާމިޔާބު ކުރީ 25-11 އަދި 15-13 އިންނެވެ.

އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވިލިނގިލީ ޒުވާނުންގެ ޖަމިއްޔާގެ އާމިނަތު އަޒީމާ އެވެ.

މިމުބާރާތުގައި ރޭ ކުޅުނު ފަށޭހަ ކަމާއެކު ކާމިޔާބު ކުރީ ގެމަނަފުށީ ސްޕޯޓްސް ކުލަބެވެ. އެޓީމުން މިމެޗް ކާމިޔާބު ކުރީ ސްޕޯޓްސް ކްލަބް ވިޝަންއާ ވާދަކޮށް ސީދާ ތިން ސެޓުން ނެވެ.

މެޗުގެ ސެޓްތައް ގެމަނަފުށީ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 25-5، 25-8 އަދި 25-12 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގެމަނަފުށީ ޓީމުގެ އައިސަތު ނާޒިމާ އެވެ.
މިމުބާރާތުގެ ކުޅުން މިހާތަނަށް ގޮސްފައިވާއިރު، ލީގުގެ އެންމެ ކުރީގައި އޮތީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެ ގެމަނަފުށީ ޓީމެވެ. އެގޮތުން އެޓީމަށް ވަނީ 12 ޕޮއިންޓު ލިބިފައެވެ. ލީގުގެ ދެ ވަނަ މަގާމްގައި ނުވަ ޕޮއިންޓާއެކު އޮތީ ޕޮލިސް ކުލަބެވެ.

ލީގުގެ ފަހު ދެމެޗް މިއަދު ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާ ދެޓީމަކީ އެމްއެސް ހެލްޕިން ހޭންޑާއި ވިލިގިލީ ޒުވާނުންގެ ޖަމްއިއްޔާއެވެ. އަދި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ޕޮލިހާއި ސްޕޯޓްސް ކުލަބް ވިޝަންއެވެ.

މިނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 23 ވަނަ ދުވަހުގެ މުއްދަތަށް ކުރިއަށް ދާ މިމުބާރާތަކީ ލީގް އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމް ސެމީއަށް ދާގޮތަށް ކުޅެވޭ މުބާރާތެކެވެ. މިމުބާރާތުގައި ލީގްގެ އެއް ވަނަ ހޯދާ ޓީމް ސެމީ ފައިނަލުގައި ލީގްގެ ހަތަރު ވަނަ ޓީމާއި ވާދަކުރާއިރު ލީގުގެ ދެވަނަ މަޤާމަށް ހޯދާ ޓީމް ވާދަކުރަނީ ލީގްގެ ތިން ވަނަ ޓީމާއެވެ. އަދި ފައިނަލް މެޗުގައި ބައްދަލުރާނީ ފުރަތަމަ ސެމީން މޮޅުވާ ޓީމާއި ދެ ވަނަ ސެމީން މޮޅުވާ ޓީމެވެ.