ނޯމްޕެން (ނޮވެމްބަރ 19): "އެސޯސިއޭޝަން ފޯ ސައުތް އޭޝިޔަން ނޭޝަންސް" (އާސިޔާން)ގެ ގައުމުތަކުން އިންސާނީ ޙައްޤުތަކާ ބެހޭ ޑެކްލަރޭޝަނެއް އިއްޔެ ޢިއްލާންކުރުމަކީ އެޖަމާއަތުގައި ހިމެނޭ މިޔަންމާގެ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންގެ ނިގުޅައިގަނެފައިވާ ޙައްގުތައް އެމީހުންނަށް ލިބުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ކެންބޯޑިޔާ އިން ބުނެފި އެވެ.

އާސިޔާންގެ ސަމިޓްގެ އަރިމަތީގައި، ކެންބޯޑިޔާގެ މަސްއޫލުވެރިން އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ އާސިޔާންގެ ގައުމުތަކުން އިންސާނީ ޙައްޤުތަކާ ބެހޭ ޑެކްލަރޭޝަނެއް ޢިއްލާންކުރުމުގެ ބޭނުމަކީ ވެސް މިޔަންމާގެ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ޙައްޤުތައް ފަދަ އެޖަމާއަތުގެ ގައުމުތަކުގައި ހުރި އިންސާނީ ޙައްޤުތަކުގެ މައްސަލަތައް ހައްލުކުރުން ކަމުގަ އެވެ. ކެންބޯޑިޔާގެ ވެރިރަށް ނޯމްޕެންގައި އާސިޔާންގެ ގައުމުތަކުގެ އިސްވެރިން ވަނީ އާސިޔާން ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސް ނަމުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ ޑެކްލަރޭޝަނެއް ނެރެފަ އެވެ. މިޑެކްލަރޭޝަން ނެރެފައި މިވަނީ މިކަމަށް ޓަކައި އާސިޔާން ޖަމާއަތުން މަސައްކަތްކުރަމުން ގެންދާތާ އެތައް އަހަރަކަށް ފަހުގަ އެވެ.
މީގެ ދެ އަހަރު ކުރިން ނެރުމަށް ހަމަޖެހިފައިވާ މިޑެކްލަރޭޝަން ނެރުން ލަސްވެގެން ގޮސްފައި ވަނީ މެންބަރު ޤައުމުތަކުގެ ޚިޔާލު ތަފާތުވުމުގެ ސަބަބުންނެވެ. މިޑެކްލަރޭޝަން އިޢްލާން ކުރުމަށް ފަހު އިންޑޮނީޝިޔާގެ ޚާރިޖީ ވަޒީރު މާރުތީ ނަތަލްޖާއޮ ވެސްވަނީ މިކަމުގެ ސަބަބުން މިޔަންމާގެ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އާސިޔާންގެ ގައުމުތަކަށް ކުރިމަތިވެފައިވާ އިންސާނީ ޙައްޤުތަކާ ބެހޭ އެންމެ ބޮޑު ގޮންޖެހުމަކީ މިޔަންމާގެ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާ މައްސަލަ އެވެ. މިމައްސަލައިގެ އަސްލަކީ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނަށް މިޔަންމާގެ ރައްޔިތުކަމުގެ ޙައްޤުތައް ދިނުމަށް އެޤައުމުން ދެކޮޅު ހަދަމުން ދިޔުމެވެ.

މީގެއިތުރުން އިންސްޓިޓިއުޓް ފޯ ޕީސް އެންޑް ރިކޮންސިލިއޭޝަންގެ ނަމުގައި އިންސްޓިޓިއުޓެއްގެ ވެސް އާސިޔާން ސަމިޓްގެ އަރިމަތީގައި އެ ޖަމާއަތުގެ ލީޑަރުން ވަނީ އިފްތިތާޙްކޮށްފަ އެވެ. މިއީ އާސިޔާންގެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ސަރަޙައްދީ އަރާރުންތަކާއި އެތެރޭގެ ހަމަނުޖެހުންތައް ސުލްޙަވެރިގޮތުގައި ޙައްލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އުފެއްދި އިންސްޓިޓިއުޓެއް ކަމަށް އެޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ސުރީން ބިތްސުވާން ވިދާޅުވި އެވެ.

އާސިޔާންގެ ޤައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ސަރަޙައްދީ އަރާރުމަކީ ދެކުނު ޗައިނާ ކަނޑުގައި އެޖަމާއަތުގެ ހަތަރު ޤައުމު ކަމަށްވާ ފިލިޕީންސް، މެލޭޝިޔާ، ބުރުނާއި އަދި ވިއެޓްނާމްގެ މެދުގައި އުފެދިފައިވާ އަރާރުމެވެ. ނޯމްޕެންގައި ކުރިޔަށްދަނީ އާސިޔާންގެ ގައުމުތަކުގެ އިސްވެރިންގެ 21 ވަނަ ސަމިޓް ބައްދަލުވުމެވެ. (އަލްޖަޒީރާ)