މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންނަށް ވުރެ އަވަށްޓެރި ސްރީލަންކާ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ނިސްބަތުން އިތުރުވެފައިވާ ކަމަށް އެގައުމުގެ ނޫހަކުން ބުނެފި އެވެ.

ލަންކާގެ ޑެއިލީ މިރާ ނޫހުން ބުނީ މިދިޔަ އޮކްޓޯބަރު މަހު އެ ގައުމަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށް ވުރެ 15.5 ޕަސެންޓް އިތުރުވި ކަމަށެވެ. އަދި އެހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި އަދަދު އިތުރުވެފައި ވަނީ 6.9 ޕަސެންޓް ކަމަށް އެ ނޫހުން ބުންޏެވެ.

ސްރީލަންކާގެ ޓޫރިޒަމް ބޯޑްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރު ފެށުނު އިރު އެގައުމަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު 16 ޕަސެންޓަށް އިތުރުވެ، 774151 މީހުން އެގައުމަށް ޒިޔާރަތްކުރި އެވެ.
އޮކްޓޯބަރު މަހު އަދި މުޅި އަހަރުތެރޭގައި ވެސް ސްރީލަންކާ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ހުޅަނގުޔޫރަޕުންނެވެ. އެގޮތުން 24303 ޓޫރިސްޓުން އެ މަހު ލަންކާ އަށް ޒިޔާރަތްކުރި އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ހުޅަނގު ޔޫރަޕްގެ 293472 މީހުން އެގައުމަށް ރިޒާރަތް ކުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 17 ޕަސެންޓް އިތުރު އަދަދެކެވެ.

ހުޅަނގު ޔޫރަޕުން ސްރީލަންކާ އަށް ޒިރާތްކުރި ޓޫރިސްޓުންގެ ތެރެއިން ގިނަ މީހުންނަކީ އިނގިރޭސިވިލާތުގެ މީހުންނެވެ. އެގައުމުން 8767 މީހުން ޒިޔާރަތްކުރި އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 18.3 ޕަސެންޓް އިތުރު އަދަދެކެވެ. ދެ ވަނައަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރި 5485 މީހުން އެގައުމަށް ޒިޔާރަތް ކުރިއެވެ. އެއީ މިދިޔަ އަހަރަށް ވުރެ 6.9 ޕަސެންޓް އިތުރު އަދަދެކެވެ.

އިރުމަތީ ޔޫރަޕާއި ދެކުނު އޭޝިއާ ސަރަހައްދުން ސްރީލަންކާ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފަ އެވެ.

ސްރީލަންކާ އަށް މުޅި އަހަރު ތެރޭގައި އަދި އޮކްޓޯބަރު މަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 15.5 ޕަސެންޓަށް އިތުރުވި އިރު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރުވެފައި ވަނީ 6.9 ޕަސެންޓުންނެވެ. އެގޮތުން މިއޮކްޓޯބަރު މަހު ރާއްޖެ އަށް ޒިޔާރަތްކުރީ 76806 މީހުންނެވެ. އަދި މުޅި އަހަރު ތެރޭގައި ޒިޔާރަތްކުރީ 691608 މީހުންނެވެ.

ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ތެރެއިން ގިނަ މީހުންނަކީ ޗައިނާ އިން ޒިޔާރަތްކުރި މީހުންނެވެ. އޮކްޓޯބަރު މަހު ޗައިނާ އިން ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 3.4 ޕަސެންޓް އިތުރުވި އިރު ޔޫރަޕުން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 3.2 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ނޫހުގައި ވާގޮތުން، ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އެންމެ ބޮޑަށް ދަށަށް ދިޔަ ގައުމަކީ އިނގިރޭސިވިލާތެވެ. އެ ގައުމުން ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 20.1 ޕަސެންޓް ދަށަށް ގޮސްފަ އެވެ.