އަހަރުގެ އެންމެ މޮޅު އޭޝިޔާގެ ބައިނަލްއަގްވާމީ ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ޝޯޓްލިސްޓްކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ކަގާވާ ހިމެނިއްޖެ އެވެ.

މިދިޔަ ސީޒަންގައި ބްރޫސިއާ ޑޯޓްމުންޑްގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު، ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި ގުޅުނު ޖަޕާންގެ މިޑްފީލްޑަރު ޝިންޖީ ކަގާވާ ބައިނައަގްވާމީ އެންމެ މޮޅު އޭޝިޔާ ކުޅުންތެރިޔާގެ އެވޯޑް ލިބޭނެކަމަށް ގިނަ މީޑިޔާ ރިޕޯޓްތަކަކުން ބުނަމުން ދެއެވެ.

އިނގިރޭސި ކްލަބް ފުލަމްގެ އޮސްޓްރޭލިއާ ގޯލްކީޕަރު މާކް ޝެކްވާޒާ އާއި އިންޓަމިލާންގެ ޖަޕާން ޑިފެންޑަރު ޔޫޓޯ ނަގަމޯޓޯ ވެސް ލިސްޓްގައި ހިމެނިފައި ވެއެވެ.

އޭޝިޔާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މައި އެވޯޑަށް އޭޝިޔާ ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އިން ކުޅުންތެރިން ނޮމިނޭޓްކުރަނީ އޭޝިއާ ކްލަބްތަކަށް ކުޅޭ ކުޅުންތެރިންނެވެ. އެހެންކަމުން ކަގާވާ، ޝެކްވާޒާ އަދި ނަގަމޯޓޯ އަށް މިއެވޯޑެއް ނުލިބޭނެ އެވެ. ކުރިން މެންޗެސްޓާ ޔުނައިޓެޑަށް މޮޅު ކުޅުމެއް ދައްކާ ގިނަ ކާމިޔާބީތަކެއް ހޯދި އޭޝިޔާއަށް ނިސްބަތްވާ ޕާކް ޖީ ސުންގް އަށް މިއެވޯޑް އެއްވެސް އަހަރެއްގައި ނުލިބުނީ ޔޫރަޕްގެ ކްލަބަކަށް ކުޅެމުންދާތީ އެވެ.

އޭޝިޔާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މައި އެވޯޑަށް ޝޯޓްލިސްޓް ކޮށްފައިވާ ކުޅުންތެރިންގެ ލިސްޓްގައި ކުރިން އެވަޓަން، ވެސްޓް ހާމް އަދި ބްލެކްބާންއަށް ކުޅުނު ޑިފެންޑަރު ލޫކަސް ނީލްއާއި ޔޫއޭއީގެ އަލް ވަސްލްއަށް ކުޅޭ ޒެންގް ޒީ ވެސް ހިމެނެއެވެ. މި ކުޅުންތެރިންގެ އިތުރުން ސައުތް ކޮރެއާގެ ލީ ކެއުން-ހޯ އަދި އީރާން އަލީ ކަރީމީ އާއި މޮހްސެން ބެންގާ ހިމެނެއެވެ.