19 Nov 2012, 09:33
ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި އެތާގެ މުދަލަށް ގެއްލުން ދިންކަމަށް ތުހުމަތުކުރެވޭ ހަތަރު ކުދިންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ހަތަރު ކުދިންގެ ޝަރީއަތް މިއަދު ފަށާގޮތަށް ކުރިން ހަމަޖެހިފައި އޮތްނަމަވެސް އޭގެ ތެރެއިން އެއްކުއްޖަކު އޯލެވެލް ހަދަމުންދާތީ ޝަރީއަތް ފަސް ކުރީ ކަމަށެވެ. ދެން އެ ޝަރީއަތް އޮންނާނީ އަންނަ މަހުގެ 17 ވަނަދުވަހު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ދައުވާ ލިބޭ ހަތަރު ކުދިންގެ ތެރެއިން އެއްކުއްޖަކު ޖީސީއީ އޯލެވެލް އެގްޒާމިނޭޝަން ހަދަމުންދާތީ އެކުއްޖާގެ އޯލެވެލް އެގްޒާމް ނިމެންދެން ޝަރީއަތް ފަސްކޮށްފައި ވަނީ. މިހާރު އެ މައްސަލަ ޝެޑިއުލްކޮށްފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހަށް،" އޮފިޝަލް ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ދައުވާ ލިބޭ އެ ހަތަރު ކުދިންގެ އުމުރަކީ 17 އަހަރު ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.
އޮފިޝަލް ވިދާޅުވީ އެ ހަތަރު ކުދިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވަނީ ފެބުރުއަރީ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި އެރޭ 8:30އާއި ދެމެދުގެ ވަގުތެއްގައި ތިނަދޫ ޕޮލިސް ސްޓޭޝަން ދޮށަށްއެއްވެ ފުލުހުންނަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށާއި އެތާގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ އެދުވަހުގެ ވަގުތެއްގައި ގދ. އަތޮޅު ކައުންސިލްގެ އިދާރާ ތެރެއަށް އެ ހަތަރު ކުދިން ވަދެގަތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އެ ހަތަރު ކުދިންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.
އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުންކަމަށެވެ.
ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެހިންގި ހަމަނުޖެހުންތަކުގައި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި އެރަށު ޕޮލިސްސްޓޭޝަނާއި އެރަށުގައި ހުންނަ ގދ. އަތޮޅު ކައުންސިލްގެ އިދާރާގައި ވަނީ ހުޅުޖަހާ އަންދާލާފަ އެެވެ.
ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކާއި ޕޮލިސް ސްޓޭޝަންގެ ވެހިކަލްތަކުގައި ހުޅުޖެހިކަމުގެ ތުހުމަތުގައި 89 މީހެއްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ އެ މައްސަލަ އަދި ޝެޑިއުލްކޮށްފައިނުވާ ކަމަށެވެ.