19 Nov 2012, 09:21
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ސާ އެލެކްސް ފާގަސަން އިސްތިޢުފާ ދީފިނަމަ، އެމަގާމް ފުރޭނެ ހަމައެކަނި ކޯޗަކީ ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗް ހޯސޭ މޮރީނިއޯ ކަމުގައި ކުރީގެ ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗް ހެރީ ރެޑްނެޕް ބުނެފިއެވެ.
ޕްރެމިއާ ލީގުގެ ޗެލްސީއަށް ކޯޗުކޮށްދިން މޮރީނިއޯ ވަނީ އެކުލަބަށް 2005 އަދި 2006 ގެ ލީގު ކާމިޔާބުކޮށްދީފަ އެވެ. މެޑްރިޑަށް ކޯޗް ކޮށްދިނުމަށް ފަހު އެނބުރި އިނގިރޭސި ވިލާތަށް އަންނަން ބޭނުންވާ ކަމުގައި ކުރިން މޮރީނިއޯ ބުނެފައިވެއެވެ.
"މޮރީނިއޯ ރާވަމުންދާ ބޮޑު ސިއްރަކީ އެއްދުވަހަކުން ޕްރެމިއާ ލީގުގެ ޓީމަކަށް އެނބުރި އައުން. މެންޗެސްޓާގެ ކޯޗުކަމާއި މޮރީނިއޯ ހަވާލުވިއަސް އަހަރެން ހައިރާނެއް ނުވާނަން. އަހަރެންނަށް ގަބޫލުކުރެވެނީ ޔުނައިޓެޑާއި ހެން އޭނާ ހަވާލުވާނީ. މެންޗެސްޓާ ސިޓީއަކާއެއް ނޫން." ރެޑްނެޕް ބުންޏެވެ.
ފާގަސަންގެ ކާމިޔާބު ކޯޗިންގް ކެރިޔަރު ޔުނައިޓެޑުން ނިންމާލާއިރު، އެމަގާމަށް އެކަށޭނެ ކިތަންމެ ކޯޗަކު ހުރެދާނެ ކަމުގައި ވިޔަސް، އެމަގާމަށް އެންމެ ރަނގަޅު ކޯޗަކީ މޮރީނިއޯ ކަމުގައި ރެޑްނެޕް ބުނެފައި ވެއެވެ. "ފާގަސަންގެ ކާމިޔާބީ ކެރިޔަރު ނިންމާލާއިރު، ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމަށް އެކަށޭނެ ކިތަންމެ ކޯޗަކު ހުރެދާނެ. ނަމަވެސް އެމަގާމަށް އެންމެ ރަނގަޅު މީހަކީ މޮރީނިއޯ." ރެޑްނެޕް ބުންޏެވެ.
ފާގަސަން އަކީ ޔުނައިޓެޑް އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗެކެވެ. އެގޮތުން ފާގަސަން ވަނީ ބާރަ ޕްރެމިއާ ލީގާއި، ފަސް އެފްއޭ ކަޕާއި، ހަތަރު ލީގް ކަޕާއި، ދިހަ ކޮމިއުނިޓީ ޝީލްޑާއި، ދެ ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޔޫއެފާ ކަޕް ވިނާސް ކަޕަކާއި، ޔޫއެފާ ސުޕަ ކަޕަކާއި، އިންޓަކޮންޓިނެންޓަލް ކަޕެއްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕެއް ވެސް ޔުނައިޓެޑަށް ކާމިޔާބު ކޮށްދީފައި ވެއެވެ.