ޣައްޒާ ސިޓީ (ނޮވެމްބަރ 19): އިސްރާއީލުން އިއްޔެ ޣާއްޒާ އަށް ދިން ޙަމަލާތަކުގައި އެކަނި ވެސް ފަލަސްތީނުގެ 25 މީހަކު ޝަހީދުކޮށް 150 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ޣައްޒާގެ އަމްނާ ބެހޭ ދާއިރާތަކުން ބުނެފި އެވެ.
އިސްރާއީލުން އެއްގަމާއި ވަޔާ އަދި ކަނޑުގެ މަގުން ޣައްޒާ އަށް ދެމުންގެންދާ ހަމަލާތަކުގައި އިއްޔެ 25 މީހަކު ޝަހީދުކޮށްލުމުން މިޙަމަލާތައް ފެށި ފަހުން މިހާތަނަށް ޝަހީދުކޮށްލެވުނު ފަލަސްތީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 75 އަށް އަރައިފަ އެވެ. އަދި ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 670 އަށް އަރައިފަ އެވެ. އިސްރާއީލުން ޝަހީދުކޮށްލި 75 މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކުން ބުނެ އެވެ. އިސްރާއީލުގެ ޙަމަލާތައް އަމާޒުކުރަނީ ފަލަސްތީނުގެ މުޖާހިދުންނަށް އެކަނި ނޫންކަމާއި އިސްރާއީލުގެ ޙަމަލާތައް ކުށެއްނެތް ޢާންމުންނަށް އަމާޒުކުރާ މިންވަރު މިކަމުން ހާމަވާ ކަމަށް ޣައްޒާގެ މަސްއޫލުވެރިން ވިދާޅުވި އެވެ.

އިސްރާއީލުން އެންމެ ވަރުގަދަ ޙަމަލާ އިއްޔެ ދީފައި ވަނީ ޣައްޒާގެ މެދުގައިވާ އައްނަސްރު އަވަށުގައި ހުންނަ އާންމުން ދިރިއުޅޭ ތިންބުރީގެ ޢިމާރާތަކަށެވެ. އެ ޢިމާރާތަށް ދިން ވައިގެ ވަރުގަދަ ޙަމަލާތަކުގައި 10 މީހަކު ޝަހީދުވެ އެޢިމާރާތް އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ފުނޑުފުނޑުވެ ބިމާ ހަމަވެފަ އެވެ. ޝަހީދުވި 10 މީހުންގެ ތެރޭގައި ތިން އަންހެނުންނާއި ހަ ކުޑަކުދިން ހިމެނޭ އިރު އެ މީހުންގެ ހަށިތައް ނަގާފައި ވަނީ ވައްޓާލާފައިވާ ޢިމާރާތުގެ ދަށުންނެވެ. ޝަހީދުވި މި 10 މީހުންނަކީ ދަލްވޫ ނަމަކަށް ކިޔާ ޢާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށާއި އިސްރާއީލުގެ ޙަމަލާތަކުގައި އެޢާއިލާ އެއްކޮށް ނެތި ފަނާވެގެން ގޮސްފައިވާ ކަމަށް ޣައްޒާގެ ސިއްޙަތާ ބެހޭ މަސްއޫލުވެރިން ހާމަކުރެއްވި އެވެ.

އިސްރާއީލުން އިއްޔެ ޙަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ޣައްޒާގައިވާ ފަލަސްތީނުގެ ގިނަ ޢަދަދެއްގެ ރެފިއުޖީ އަވަށްތައް ވެސް ހިމެނެ އެވެ. އިސްރާއީލުގެ ސިފައިން އިއްޔެ ނެރުނު ބަޔާނެއްގައި މިދިޔަ ބުދަދު ވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޣައްޒާގެ 1100 ތަނަކަށް ޙަމަލާދީފައިވާކަން ހާމަކޮށްފައިވެ އެވެ. އަދި ފަލަސްތީނުގެ މުޖާހިދުންގެ ރައްދު ޙަމަލާތަކުގައި ޣައްޒާ އިން އިސްރާއީލަށް 800 އަށް ވުރެ ގިނަ ރޮކެޓް ޙަމަލާތައް ފޮނުވާލާފައިވާ ކަމަށާއި ނަމަވެސް މިގެތެރެއިން ހައެއްކަ ރޮކެޓް މެނުވީ އިސްރާއީލަށް އަރާފައިނުވާ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެ އެވެ. ނަމަވެސް އަމިއްލަ ނަފްސުގެ ދިފާއުގައި ފަލަސްތީނު މުޖާހިދުންދޭ ރޮކެޓް ޙަމަލާތަކުން ލިބޭ ގެއްލުން އިސްރާއީލުގެ ސަރުކާރުން ސިއްރުކުރާ ކަމަށް އިސްރާއީލުގެ ބައެއް ނޫސްތަކުން ތުހުމަތުކޮށްފައިވެ އެވެ.

މިގޮތުން ފަލަސްތީން މުޖާހިދުންގެ ރޮކެޓް ޙަމަލާތަކުގައި އިސްރާއީލުގެ ދެ ޢިމާރާތެއް ހަލާކުވެ ތިން މީހުން މަރުވެ 25 މީހަކު ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުގެ ނޫސްތައް ބުނެ އެވެ. މީގެއިތުރުން މުޖާހިދުންގެ ރޮކެޓް ޙަމަލާތަކާ ގުޅިގެން އިސްރާއީލުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ޣައްޒާ އަށް އިސްރާއީލު ދެމުން ގެންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް މިސްރާއި ތުރުކީ ފަދަ އިސްލާމީ ޤައުމުތަކުންނާއި ޢަރަބި ލީގުން ވަރަށް ބޮޑަށް މަސައްކަތްކުރަމުން ގެންދާކަން އެފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް މިކަމަށް އެމެރިކާ އާއި ޔޫރަޕްގެ ޤައުމުތަކުގެ އެއްބާރުލުން ނުލިބުމުން ޢުދުވާނީ ޙަމަލާތަކާގެން އިސްރާއީލު ކުރިޔަށްދާ ކަމަށް ޚަބަރު ލިބެ އެވެ.

އިސްރާއީލުން ޣައްޒާގެ ކުޑަކުދިންނާއި އަންހެނުން ޑަޒަން ޑަޒަނަށް މަރަމުން ގެންދާއިރު ވެސް ހުޅަނގުގެ އެއްވެސް ޤައުމަކުން އެކަން ކުށްވެރިނުކުރެ އެވެ. އަދި ހުޅަނގުން ގެންދަނީ އިސްރާއީލުން ދެނީ އަމިއްލަ ނަފްސުގެ ދިފާޢުގެ ޙަމަލާތަކެއް ކަމަށް ސިފަކޮށް އިސްރާއީލުގެ ލާއިންސާނީ ޖަރީމާތައް ދިފާޢުކުރަމުންނެވެ.(އަލްޖަޒީރާ)