19 Nov 2012, 09:14
ބާސެލޯނާގެ ޑިފެންސް ލައިނުން ތަކުރާރު ކުރަމުންދާ ކުށްތަކާއި މެދު އެކުަލަބްގެ ސްޕެއިން މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިސީޒަނުގައި ބާސާއިން ގިނަ ކާމިޔާބީތަކެއް ހޯދަމުންދާއިރު، އެކުލަބު ކޮޅަށް ވަންނަމުންދާ ގޯލްތަކަކީ ވެސް ފާހަގަވެގެންދާ ކަމެކެވެ. މިދިޔަ ހޮނިހިރު ދުވަހުގެރޭ ރެއާލް ޒަރަގޯޒާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ބާސާ ކޮޅަށް ލަނޑެއް ވަދެފައި ވެއެވެ.
"ފުޓްބޯޅައަކީ ދެޓީމެއްގެ ދެމެދުގައި ކުޅެވޭ ގޭމެއް. އަހަރެމެންގެ އިދިކޮޅު ޓީމް އަންނަނީ ކުޅެން. އަހަރެމެންނަށް ހެދުމުންދާ ކުށްތައް ރަނގަޅުކުރަން ޖެހޭނެ. އޭރަށް ގިނަ ގޯލްތަކެއް އަހަރެމެން ކޮޅަކަށް ނުވަންނާނެ. ޒަރަގޯޒާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުން އަހަރެމެން ޕްރެޝަރަށް ވައްޓާލަން މަސައްކަތްކުރި." ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ އިނިއެސްޓާ ބުންޏެވެ.
ސްޕެނިޝް ލަލީގާގެ އެއްވަނާގައި އޮތް ބާސެލޯނާ ކުޅުނު ބާރަ މެޗުން 39 ގޯލް ޖަހާފައިވާއިރު، އެޓީމް ކޮޅަށް 15 ގޯލް ވަދެފައިވެއެވެ.