19 Nov 2012, 09:18
ސިޔާސީ ޕާޓީތަކަށް މެންބަރުން ވަނުމަށް އެދި މި އަހަރު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމަށް ދީފައިވާ ސުންގަނޑި ހަމަވި ފަހުން ބައެއް ޕާޓީތަކުން ފޯމް ހުށަހެޅި މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.
ޕާޓީތަކަށް ވަދެފައިވާ މީހުންގެ މެންބަރު ފޯމް މި އަހަރު ހުށަހެޅޭނެ އެންމެ ފަހު ވަގުތަކީ އިއްޔެގެ މެންދުރު ފަހު 15:30 ކަމަށް އިލެކްޝަންސް ކޮމިޝަނުން ހަމަ ޖައްސާފައިވާ އިރު އިއްޔެ އެމްޑީޕީ އިން ފޯމްތައް ހުށަހެޅީ 15:35 ގަ އެވެ.
ގަޑި ހަމަވި ފަހުން އެމްޑީޕީން ގެންދިޔަ ފޯމްތައް އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނުން ބަލައިގަތުމުން އެވަގުތު އެ ތަނުގައި ތިބި އެހެން ޕާޓީތަކުގެ ބައެއް މެންބަރުން ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފަ އެވެ.
އަދި އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ އެ ފޯމްތައް ބަލައިގަތް ނަމަވެސް އެ ފޯމްތަކަކީ މި އަހަރު ހުށަހަޅާފައިވާ ފޯމްތައް ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.
އެހެން ނަމަވެސް އެމްޑީޕީގެ ފަރާތުން ފޯމްތައް ހުށަހަޅަންދިޔަ މީހުން ބުނީ ޕީޕީއެމްއިން ގެނައި ފޯމްތައްވެސް 15:30 ވުމާއި ކައިރިވެފައިވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ބަލައިގަތީ ފޯމްތައް ނުލިބެނީސް ހަމަ އެކަނި ގެންނަނީ ކަމަށް ބުނުމުން ކަމަށެވެ.
"ޕީޕީއެމްގެ ފޯމްތައް ނުގެނެސް އެމީހުން ރިސެޕްޝަނަށް ގޮސްފައި ބުނީ އެބަ އަންނަމޭ ހިފައިގެން ބުނީމައި ރިސެޕްޝަނުން އެ ލިބުނު ކަމަށް ބަލައިގަތީ. އަސްލު ފޯމްތައް އިލެކްޝަނާއި ހަވާލުކުރިއިރު ގަޑި ހަމަ ވެއްޖެ،" އެވަގުތު ފޯމްތައް ހިފައިގެންދިޔަ އެމްޑީޕީގެ މީހަކު ބުންޏެވެ.
އެ މައްސަލަތައް ފެންމަތިވުމުން ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހްމަދު މަހުލޫފް އާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ ނައިބު އަހްމަދު އަކްރަމް ވަނީ އިލްކްޝަންސް ކޮމިޝަނުގެ ބައެއް ބޭފުޅުންނާއި ބައްދަލު ކުރައްވާފަ އެވެ.
ބައްދަލުވުމަށް ފަހު މަހްލޫފް ވިދާޅުވީ ގަޑި ހަމަ ވުމަށްފަހު އެމްޑީޕީން ހުށަހެޅި ފޯމްތައް ބަލައި ގަތުމަށް އެއްބަސް ނުވާނެ ކަމަށާއި ނަމަވެސް ހުރިހާ ޕާޓީތަކަށްވެސް ފޯމް ހުށަހެޅުމުގެ ވަގުތު އިތުރުކުރާ ނަމަ އެކަމާއި އެއްބަސްވާނެ ކަމަށެވެ.
އެމްޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް އަކްރަމް ވިދާޅުވީ އެ ޕާޓީން ހުށަހެޅި ފޯމްތަކާއިމެދު ފަހުން ގޮތެއް ކަނޑައަޅާފައި އަންގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި މެންބަރުންގެ އަދަދު ބަލާނީ މިއަދުގެ ނިޔަލަށް ހުށަހަޅާފައިވާ ފޯމްތަކަށް ފަހު ޕާޓީތަކުގައި ތިބޭ މެންބަރުންގެ އަދަދަށެވެ.